މުޖުތަބާ ޚާމަނާއީގެ ޞިއްޙަތަށް އެދި 10،000 ކަންބަޅި ޤުރުބާންކުރުމަށް ފައިސާ ހޯދަން ޝީޢީ ދީނީ ޖަމާޢަތްތަކުން ފަށައިފި

އީރާނުގެ ރޫޙާނީ ލީޑަރު މުޖްތަބާ ޚާމަނާއީގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށާއި ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެދި 10,000 ކަންބަޅި ޤުރުބާންކުރުމުގެ ޚާއްޞަ ޙަރަކާތަކަށް ފައިސާ ހޯދުމަށް އީރާނުގެ ދީނީ ޖަމާޢަތްތަކުން ފަށައިފިއެވެ. މި ޙަރަކާތުގެ ތެރެއިން ކޮންމެ ކަންބަޅިއަކަށް 250 މިލިއަން ރިއާލް (ގާތްގަނޑަކަށް 132 އެމެރިކާ ޑޮލަރު) ހަމަކުރުމަށް އާންމުންގެ ކިބައިން އެދެމުންދާއިރު، މި ކަމަށް ސަރުކާރަށް ތާޢީދުކުރާ ޝީޢީ ދީނުގެ ޝެއިޚުން ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް، އީރާނުގެ އިޤްތިޞާދީ ޙާލަތު ގޯސްވެ، ތެލުގެ ދަތިކަމާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި މިފަދަ ކަމަކަށް އާންމުންގެ އަތުން ފައިސާ ހޯދަން އުޅުމުން އާންމުންގެ ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ. 10,000 ކަންބަޅި ކުރުބާންކުރުމަށް ޖުމްލަ 2.5 ޓްރިލިއަން ރިއާލް (1.32 މިލިއަން ޑޮލަރު) ހޯދުމަށް ވަނީ އަމާޒުހިފާފައެވެ. ޤަޒްވީންގެ ކުރީގެ އިމާމް ޢަބްދުލްކަރީމް އަބޭދިނީ ވަނީ ”އެމެރިކާ އާއި ޒަޔަނިސްޓުންގެ ނުރައްކަލުން“ ލީޑަރު ސަލާމަތްކުރުމަށް އެހީވުމަށް އާންމުންނަށް ގޮވާލާފައެވެ. ތެލާއި އާންމު ކާބޯތަކެތީގެ އަގު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ލީޑަރުގެ ސިއްޙަތަށްޓަކައި ކަމަށް ބުނެ އެހާ ގިނަ ފައިސާ އާންމުން ދޭންޖެހޭ ސަބަބާމެދު އީރާނުގެ ގިނަ ރައްޔިތުން ދަނީ ސުވާލުއުފައްދަމުންނެވެ.
ނީލަމަށްލީ ރައީސުންގެ މޭޒުކޮޅެއް ނޫން، އެއީ ކަތުރުފަނި އަަޅައި ހަލާކުވެފައިވާ މޭޒެއް: މުންދު

ކުރީގެ ފަސް ރައީސަކު ބޭނުންފުޅުކުރެއްވި ރަސްމީ މޭޒުކޮޅު ނީލަމުގައި ވިއްކާލިކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބޭނުންފުޅު ކުރެއްވި މޭޒެއް ނީލަމުގައި 12500ރ އަށް ވިއްކާލާފައިވާ ކަމަށް ބުނެ އެ މޭޒުގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައިދަނީ ދައުރުކުރަމުންނެވެ. އެކަމާ ގުޅިގެން މުންދު މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ، ރައީސް އޮފީހުން ނީލަމަށްލީ މޭޒަކީ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅު ކުރެއްވި މޭޒެކޮޅެއް ނޫން ކަމަށެވެ. މުންދު ވިދާޅުވީ ދައުރުކުރާ ފޮޓޯގައި ފެންނަ މޭޒު ރައީސް އޮފީހުން ނީލަމަށްލާފައިވަނީ ކަތުރުފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން، ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މުންދު ވިދާޅުވީ، އެ ގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް އެ އޮފީހުން ނީލަމަށްލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ ނިޝާން ނައްޓައިލުމަށް ފަހުގައި ކަމަށާއި ނަމަވެސް ހަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން ވަނީ ބަދަލު ގެނެސް ކުރީގެ ރައީސުން ބޭނުންފުޅު ކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައި ކަމަށެވެ. މުންދު ވަނީ އެ ފަދަ ހަބަރެއް ޝާއިއުކުރުމުގެ ކުރިން ސީދާ ކަމާ ބެހޭ ރަސްމީ އިދާރާތަކުން ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ހަގީގަތާ ހިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް އެފަދަ މައުލޫމާތު އާއްމު ނުކުރެއްވުމަށްވެސް މުންދު އިލްތިމާސްކުރައްވައިފައެވެ.
ވާސޯގައި ޔޫކްރޭން-އެމެރިކާ ރައްޔިތަކު މަރާލަން ރަޝިޔާއިން ރޭވި ރޭވުމެއް ޕޯލޭންޑުން ނާކާމިޔާބުކޮށްލައިފި

ޕޯލޭންޑުގެ ވެރިރަށް ވާސޯގައި ދިރިއުޅޭ ޔޫކްރޭން-އެމެރިކާގެ ރައްޔިތަކު މަރާލުމަށް ރަޝިޔާގެ އިންޓެލިޖެންސުން ރޭވި ނުރައްކާތެރި ރޭވުމެއް ޕޯލޭންޑުގެ ސެކިއުރިޓީ ސަރވިސް (އޭބީޑަބްލިއު) އިން ވަނީ ނާކާމިޔާބުކޮށްފައެވެ. ޕޯލޭންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ހާމަކުރި ގޮތުގައި، ރަޝިޔާގެ އެޖެންޓުންގެ އިރުޝާދުގެ ދަށުން ހަރަކާތްތެރިވި ’މުޖުރިމު‘ ވަނީ ޙަމަލާދިނުމުގެ ކުރިން ހައްޔަރުކޮށްފައެވެ. މިއީ ނޭޓޯގެ ޤައުމެއްގެ ތެރޭގައި އެމެރިކާގެ ރައްޔިތަކު މަރާލުމަށް ރަޝިޔާއިން ސީދާ އަމާޒުކޮށްގެން ޙަމަލާއެއް ދޭން ރޭވިކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން ޕޯލޭންޑުން ވަނީ ޤައުމުގައި ތިބި ބޭރުގެ ޚާއްޞަ ފަރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ރަޝިޔާގެ ޖާސޫސީ ނެޓްވޯކްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. ހަމަމިއާއެކު ޕޯލޭންޑުގެ ޖާސޫސީ އިދާރާއަށް ރަޝިޔާގެ އަސްކަރީ ސިއްރުތަކާއި މިސައިލް ނިޒާމުތަކުގެ މައުލޫމާތު ފޯރުކޮށްދިން ކަމަށް ބުނެ ރަޝިޔާގެ ރައްޔިތެއް ކަމަށްވާ ޖޯޖީ ޕިރޯގޯވް 23 އަހަރަށް ޖަލަށް ލުމަށް މޮސްކޯގެ ކޯޓަކުން ވަނީ ޙުކުމްކޮށްފައެވެ. ރަޝިޔާއިން މި ހުކުމް އާންމުކޮށްފައިވަނީ ވާސޯގައި އެމެރިކާގެ ރައްޔިތަކު މަރާލަން ރަޝިޔާއިން ރޭވި ރޭވުމެއް ޕޯލޭންޑުން ނާކާމިޔާބުކޮށްލި ކަމަށް ބުނިކަމުގެ 24 ގަޑިއިރު ފަހުންނެވެ. މި ހާދިސާއާއެކު ނޭޓޯގެ އިރުމަތީ ބޯޑަރުގައި ރަޝިޔާއާއި ޕޯލޭންޑާ ދެމެދު ހިނގަމުންދާ ސިއްރު ޖާސޫސީ ހަރަކާތްތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.
އިކުއެޑޯރުގެ މަސްބޯޓުތަކަށް ސީއައިއޭއިން ސިއްރު ޙަމަލާތަކެއް ދިންކަން ތަޙުޤީޤަކުން ހާމަވެއްޖެ

ގަލާޕަގޯސް ޖަޒީރާތައް ކައިރިން އިކުއެޑޯރުގެ މަސްބޯޓުތަކަށް ދީފައިވާ ނުރައްކާތެރި ހަމަލާތަކާއި، ”ފިއޮރެއްލާ“ ނަމަކަށް ކިޔާ ބޯޓެއް ގެއްލުނު ހާދިސާއަކީ އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ހިންގި ސިއްރު އަސްކަރީ އޮޕަރޭޝަނެއްގެ ބައެއްކަން ނޫސްވެރިންގެ ތަޙުޤީޤަކުން ހާމަވެއްޖެއެވެ. ޖެނުއަރީ 20 ގައި 8 ފަޅުވެރިންނާއެކު ގެއްލުނު ”ފިއޮރެއްލާ“ ބޯޓު ގެއްލުމުގެ ކުރިން، އެ ބޯޓަށް އެމެރިކާގެ ޑްރޯންތަކުން ފާރަލަމުންދިޔަކަން ފަޅުވެރިން ވަނީ އާއިލާތަކަށް އަންގާފައެވެ. މާރޗް މަހު ދިން ޙަމަލާތަކުގައި ޑްރޯން ބޭނުންކޮށްގެން ދެ ބޯޓަކަށް ޙަމަލާދީ، ސަލާމަތްވި 36 މަސްވެރިންގެ މޫނު ނިވާކޮށް، ބިޑިއަޅުވައިގެން އެލް ސަލްވަޑޯރަށް ގެންގޮސްފައިވާކަމަށް މަސްވެރިން ބުނެއެވެ. މި މަސްވެރިން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅުނުކަމުގެ އެއްވެސް ހެއްކެއް އެމެރިކާއިން ދައްކާފައި ނުވާއިރު، އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުން ދަނީ މިކަން މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށް ގޮވާލަމުންނެވެ.
މިއަދުވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ: މެޓް

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓް އިން ބުނެފިއެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ކުރިއަށް އޮތް 20 ވިދިގެން އަންނަ ހަތަރު ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި މެދުރާއްޖޭގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން އަދި އުތުރުގައި ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު ދިހަ މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. މީގެއިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ދިހަ ފޫޓާއި 23 ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނާނެ ކަމަށާއި އެހެން ސަރަހައްދުތަކުގައި ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ މެޓުން ބުންޏެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ގެއްލުނު 3 މީހުން ހޯދުމަށް 7000 އަށްވުރެ ގިނަ އަކަ މޭލުގެ ސަރަހައްދެއް ބަލައިފި

”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯނި ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނުގައި، މިހާތަނަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. އެމްއެންޑީއެފް އިން މިއަދު ދިން އަދާހަމަ މަޢުލޫމާތުގައިވާ ގޮތުން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ. މި ހާދިސާ ހިނގި ފަހުން ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހުއްޓުމެއް ނެތި ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ. މި ހާދިސާގައި އަޑިއަށް ގޮސްފައިވަނީ މުދާ އުފުލާ ސަޕްލައި ދޯންޏެކެވެ. ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ކަނޑުގެ ރާޅުތަކާއި މޫސުމީ ހާލަތަށް ބަލައިގެންނެވެ. މިހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދޯނި އަޑިއަށް ގޮސްގެންނެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 22:40 އެހައިކަންހާއިރު އެވެ. މި ދޯނި ދަތުރުކޮށްފައިވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ފަތިހު ތ. މަޑިފުށިން ފުރައިގެންނެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާއެކު އަޑިއަށް ގޮސްފައެއެވެ. ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާއިރު، ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ. އެމްއެންޑީއެފް އިން ބުނީ، ގެއްލުނު މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންވެސް މިކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.
ވީއައިއޭއާއި މާމަހި އެގްޒެކެޓިވް ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 އަށް ނޮމިނޭޓު ވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެ އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނީ ވީއައިއޭ ނޮމިނޭޓްވެފައިވަނީ ”އިންޑިއަން އޯޝަންސް ލީޑިން އެއަރޕޯޓް 2026“ ގެ މަގާމަށް ކަމަށެވެ. އެމްއޭސީއެލުން ބުނީ މީގެ ކުރިން 12 ފަހަރު މި އެވޯޑް ހޯދާފައިވާ ވީއައިއޭއަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއާޕޯޓުގެ ގޮތުގައި އެ އެއާޕޯޓުން ދަމަހައްޓަމުން އަންނަ މަގާމު ރަމްޒުކޮށްދޭ ކަމެކެވެ. މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައި ވަނީ ”އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ލައުންޖް 2026“ ގެ މަގާމަށެވެ. މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެމްއޭސީއެލުން ބުނީ މި ނޮމިނޭޝަންތަކަކީ އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވީއައިއޭގެ މަގާމު ވަރުގަދަކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ވޯޓު ދެއްވުމަށް: ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް – އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026 https://www.worldtravelawards.com/vote-for-velana-international-airport-maldives-2026 މާމަހި އެގްޒެކެޓިވް ލައުންޖް – އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ލައުންޖް 2026 https://www.worldtravelawards.com/vote-for-maamahi-executive-lounge-maldives-2026
ހުޅުމާލެ ރަށު މާރުކޭޓުން ގަވާއިދާ ހިލާފަށް އުޅުނު 20 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، ހުޅުމާލެ ރަށު މާރުކޭޓު ބަލައި ފާސްކޮށް 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި މި ރެއިޑު އޮޕަރޭޝަނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އުފައްދާފައިވާ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލެ ރަށު މާރުކޭޓުން ޖުމްލަ 55 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 20 މީހުންނަކީ އިމިގްރޭޝަންގެ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ މީހުންނެވެ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެ، އޭގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ އެތައް ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ވަކިން ހާއްސަކޮށް، ދިވެހީންގެ ނިވަލުގައި ތިބެ ގަވާއިދާ ހިލާފަށް އެކި ވިޔަފާރިތައް ކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މުޅި ރާއްޖޭގައި ހިންގާ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ފެނިއްޖެނަމަ، އެއްވެސް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެ މީހަކު ވަގުތުން ޑީޕޯޓު ކުރެވޭނެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ރެއިޑު އޮޕަރޭޝަންތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އޮތް ބައި ހެދުމުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމާއި އެ ސަރަޙައްދުގެ ބަނދަރުތައް ތަރައްޤީކުރުމުގެ އިތުރު ފިޔަވަހިތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އިމާރާތްކުރުމާބެހޭ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައި، އާންމުންނަށް ބޭނުންކުރުމަށް ހުޅުވާލުމެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނުމަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަޙައްދު މިހާރު ވަނީ ތަރައްޤީކޮށް އާންމުންނަށް ހުޅުވާލާފައެވެ. މިގޮތުން، ފަޅުތެރެއިން ބައެއް ހިއްކައިގެން، ބޭރުމަގު ހަތަރު ލޭނަށް ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މީގެ އިތުރުން ދުވާރާއި ފެންހިންދާ ނިޒާމު ޤާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގް ޒޯނެއް ވެސް މި ސަރަޙައްދުގައި ވަނީ ގާއިމުކޮށްފައެވެ. މަގުގެ ދެން ހަދާ ބައިގައި ވެސް ހަތަރު ލޭން ހިމެނޭ ގޮތަށް، ދިވެހި ރުއް އިންދައިގެން ޒީނަތްތެރިކުރުމަށް ވަނީ ނިންމާފައެވެ. https://x.com/MMuizzu/status/2080970757950304363?s=20 މި މަޝްރޫޢުގެ ތެރެއިން މާލޭގެ ބަނދަރު ސަރަޙައްދަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރިމަތީ ލޯންޗުތައް ކައިރިކުރުމަށްޓަކައި ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ތިން ފާލަމެއް އެޅުމަށް ހަމަޖެހިފައިވާއިރު، މި ފާލަންތަކުގައި އެއްފަހަރާ 30 އުޅަނދަށް ކައިރިކުރެވޭނެއެވެ. ހަމައެހެންމެ، މަސްވެރިންގެ ޕާކުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮންނަ ސަރަޙައްދުގައި ވެސް އިތުރު ތިން ފާލަން ގާއިމުކޮށް، އެއްވަގުތެއްގައި 18 ލޯންޗު ކައިރިކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މި ބަދަލުތަކުގެ ސަބަބުން މާލޭގެ ބޭރުމަގުގެ ތޮއްޖެހުން ކުޑަވެ، ދަތުރުފަތުރަށާއި ކަނޑުދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ބާބްރީ މިސްކިތް ހުރި ބިމުގައި އެޅި ފައްޅީގެ ފަންޑުން 20 މިލިއަން ޑޮލަރު ގެއްލުން: ތަޙުޤީޤު އޮއްބާލަން އުޅޭކަމުގެ ތުހުމަތު ހިންދޫތުވާ ބޮޑުންނަށް!

އިންޑިއާގެ އަޔޯދިޔާގައި ހުރި ތާރީޚީ ބާބްރީ މިސްކިތް ބިމާހަމަކޮށް، 2,000 އަށްވުރެ ގިނަ މުސްލިމުންގެ ލެއާއި ފުރާނައިގެ މައްޗަށް ބިނާކުރި ރާމް މަންދިރް (ހިންދޫ ފައްޅި) އަށް ހިންދޫ އާންމުން ދިން ފަންޑުން 20 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ދިވެހި ރުފިޔާ) ގެއްލުނު މައްސަލައިގެ ތަޙުޤީޤަށް ނުފޫޒު ފޯރުވައި، މައްސަލަ އޮއްބާލަން މަސައްކަތް ކުރަމުންދާކަން ފަޅާއަރައިފިއެވެ. އިދިކޮޅު ޕާޓީތަކާއި މިނިވަން މީޑިއާތަކުން ފާސްކޮށްފައިވާ ރިޕޯޓްތަކުން އެނގޭގޮތުގައި، އުއްތަރް ޕްރެދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނާތު އެކުލަވާލި ޚާއްޞަ ތަޙުޤީޤީ ޓީމު (އެސް.އައި.ޓީ) އަކީ މި ވައްކަމުގައި ހިމެނޭ ހިންދޫތުވާ އިސް ލީޑަރުން ސަލާމަތްކުރުމަށްޓަކައި ހެދި ބޮޑު ދިފާޢީ އައްޑަނައެކެވެ. ތަޙުޤީޤުގެ ނާކާމިޔާބީއާއި ޤަޞްދުގައި ހިންގާފައިވާ އިހުމާލުތައް މި ބޮޑު ޚިޔާނާތް ފެންމަތިވުމާއެކު އުފެއްދި އެސް.އައި.ޓީ ގެ މަސައްކަތްތަކަށް ބަލާއިރު، މިއީ ހަމައެކަނި ލޮލުގައި އަނދުން އެޅުވުމެއްކަން ހާމަވެއެވެ. ’ދަ އިންޑިއަން އެކްސްޕްރެސް‘ އާއި މިނިވަން ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ތަޙުޤީޤުގައި ހުރި ބޮޑެތި މައްސަލަތަކަކީ: – އިސް ބޮޑުންނާ ސުވާލު ނުކުރުން: ފައްޅި ބެލެހެއްޓުމާ ހަވާލުވެގެން ތިބި ރާމް ޖަންމަބޫމީ ޓީރްތު ކްޝެތުރާ ޓްރަސްޓުގެ އިސް ހިންދޫ ލީޑަރުންނާއި، ބީޖޭޕީގެ މުގުލުގައި ތިބި މީހުންނާ ސުވާލުކުރުމަށް އެސް.އައި.ޓީ އިން ވަނީ ފަސްޖެހިފައެވެ. – ލިޔެކިޔުންތައް ނައްތާލުން: ފައްޅިއަށް ދުވާލަކު ލިބޭ 10,000 އިން 60,000 އާ ދެމެދުގެ ޑޮލަރުގެ ނަގުދު ފައިސާގެ (ހިލޭ އެހީ) އެއްވެސް އޮޑިޓް ރެކޯޑެއް ބަލަހައްޓާފައެއް ނުވެއެވެ. އަދި ތަޙުޤީޤު ފެށުމުގެ ކުރިން ބައެއް މުހިންމު ރެކޯޑުތައް ވަނީ ޤަޞްދުގައި އަންދާލާފައެވެ. – ކުދި މުވައްޒަފުންގެ ބޮލަށް ކަނޑާލުން: މި ބޮޑު ވައްކަމުގެ އިލްޒާމް އަޅުވަމުންދަނީ ފައްޅީގެ ކުދި ކްލޭރިކަލް މުވައްޒަފުންނާއި ބޭންކުތަކުގެ ތިރީ ފަންތީގެ އޮފިޝަލުންގެ ބޮލުގައެވެ. ނަމަވެސް، 20 މިލިއަން ޑޮލަރު ފަދަ ބޮޑު ޢަދަދެއް ސިޔާސީ އަދި ދީނީ ބޮޑުންގެ ހުއްދައާއި ބައިވެރިވުމެއް ނެތި ނަގާލުމަކީ މުސްތަޙީލު ކަމެކެވެ. އަނިޔާވެރިކަމުގެ މައްޗަށް ބިނާކުރި ޝިރުކުގެ ބާތިލް ނިޒާމު މި ލީޑަރުން އާންމު ހިންދޫންގެ ކުރިމަތީގައި އެމީހުންގެ މާލީ އަދި އަސްކަރީ ޖަރީމާތައް ދިފާޢުކުރަނީ ”ޤައުމީ އަދި ދީނީ ފަޚުރެއްގެ“ ގޮތުގައެވެ. 1992 ގައި ބާބްރީ މިސްކިތް ތަޅާލައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް މުސްލިމުން ކޮށައި، ޤަތުލުޢާންމު ހިންގުމަށްފަހު އެތަނުގައި ފައްޅި އެޅުމަކީ ކަލާނގެއަށް ޓަކައި ކުރި ”މުޤައްދަސް“ ކަމެއްގެ ގޮތުގައި އެމީހުން ދައްކައެވެ. އަނިޔާވެރިކަން ނިމިދެއެވެ. އަދި ބާޠިލުގެ މައްޗަށް ޙައްޤު ވަރުގަދަވެއެވެ. މި ކުޅިގަނޑުގައި އެންމެ ބޮޑަށް ގެއްލުމެއް ލިބެނީ އާންމު ހިންދޫ ރައްޔިތުންނަށެވެ. އެމީހުން ހަރުކަށި ހިންދޫވްތާ ލީޑަރުންގެ ބަސްތަކަށް ހެއްލި، މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގައި ބައިވެރިވެ، ބާބްރީ މިސްކިތް ތަޅާލާ ބިނާކުރި ފައްޅީގައި ބަހައްޓާފައިވާ ބުދުތަކައްޓަކައި އެމީހުންގެ ބުރަ މަސައްކަތުން ހޯދާ ލާރިން ދޭ ޞަދަޤާތްތައްވެސް، ހަރުކަށި ލީޑަރުން މިވަނީ ފޭރިގަނެފައެވެ. މިއަދު އިންޑިއާގެ އާންމު ހިންދޫންނަށް ބާރުވެރިކަމުގައި ތިބެވެސް ލިބޭ ޙަޤީޤީ ދުނިޔަވީ މަންފާއެއްވެސް ނެތެވެ. ނަމަވެސް، މުސްލިމުންގެ ބިން ފޭރިގަނެ، ލޭގެ ކޯރުތަކެއްގެ މަތީގައި ހެދި ބިނާގެ ތެރެއިން މި ފެށުނު ކޮރަޕްޝަނަކީ އިލާހީ ޢަދުލުވެރިކަމުގެ ފެށުމެއް ކަމުގައި ވެދާނެއެވެ. ދީނުގެ ނަމުގައި ވައްކަންކޮށް، އިންސާނިއްޔާތާ ޚިލާފު ޖަރީމާތައް ހިންގި ހިންދޫތުވާ ލީޑަރުންގެ ބާރު ކެނޑި، އެމީހުންގެ ނިމުން އަމިއްލަ ދަހިވެތިކަމުގެ ތެރެއިންނާއި މުސްލިމު އަބްޠާލުންގެ އަތްތަކުން އައިސް ތާރީޚުގެ ކުނިވަށިގަނޑަށް ވެއްޓިގެންދާނެކަމީ ހިންދުކަރަ ފަތަޙަވާނެކަމަށް އޮތް ޙަދީޘުން ކަށަވަރުވާކަމެކެވެ.
ބްރޭކިންގ ބޭޑްގެ މަޝްހޫރު އެކްޓަރު ޖިއަންކާރްލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފި

ދުނިޔޭގެ މަގްބޫލު ޓީވީ ސިލްސިލާ ’ބްރޭކިންގ ބޭޑް‘ އަދި ’ބެޓަރ ކޯލް ސޯލް‘ ގައި ގަސްޓާވޯ ފްރިންގ ގެ ކާމިޔާބު ރޯލުން ފެނިގެންދިޔަ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖިއަންކާރްލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފިއެވެ. އޭނާ ދީން ޤަބޫލުކޮށްފައިވަނީ ފިލްމެއްގެ މަސައްކަތެއްގައި ސަޢޫދީ ޢަރަބިއްޔާގައި ހުރި ހުރުމުގައެވެ. މިކަން ރަސްމީކޮށް އިޢުލާންކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) ގެ ޗެއަރމަން ތުރްކީ އަލް-ޝެއިޚްއެވެ. ޝަހާދަތް ކިޔުމާއި ދީނަށް ދެވުނު ޝައުގުވެރިކަން: ތުރްކީ އަލް-ޝެއިޚް ހާމަކުރި ގޮތުގައި، އެސްޕޮސިޓޯ ވަނީ ސަޢޫދީގެ މިސްކިތެއްގައި ފިލްމު ކްރޫގެ މުސްލިމް ބައިވެރިންނާއެކު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ، އިސްލާމްދީނުގެ މަތިވެރި ކަލިމަ (ޝަހާދަތް) ދުލުން ކިޔައި، ދީން ގަބޫލުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުންވެސް އޭނާ މިސްކިތެއްގެ ތެރޭގައި ނަމާދުކުރަން ހުންނަ މަންޒަރު ފެނެއެވެ. نجم فيلم سفن دوج و Breaking bad جيانكارلو اسبوزيتو ينطق الشهادتين ويشارك فريق العمل الصلاه يوم امس في المسجدبعد ارتياحه من التعامل مع المسلمين أثناء التصوير في المملكه العربيه السعوديه والفديو له امس مع موظفين شركة صله 🇸🇦❤️🙏🏻 الحمدلله pic.twitter.com/BghY0O0pWv — TURKI ALALSHIKH (@Turki_alalshikh) June 20, 2026 މަޢުލޫމާތު ލިބޭގޮތުގައި، އެސްޕޮސިޓޯ އިސްލާމްދީނަށް ޝައުގުވެރިވީ ސަޢޫދީ ޢަރަބިއްޔާގައި ހޭދަކުރި ދުވަސްތަކުގައި އެ ޤައުމުގެ މުސްލިމުންގެ ފަރާތުން ފެނުނު މާތް އަޚްލާޤާއި، އޯގާތެރިކަމާއި، ބެހެއްޓި ގާތް މެހެމާންދާރީގެ ސަބަބުންނެވެ. މި ތަޖުރިބާތަކުގެ ސަބަބުން މުސްލިމް މުޖުތަމަޢުގެ މައްޗަށް އޭނާގެ ހިތުގައި ބޮޑު ލޯތްބަކާއި އިޙްތިރާމެއް އުފެދި، ދީނުގެ ޙަޤީޤީ ރީތިކަން ވިސްނުނީއެވެ. މާއްދީ އަޅުވެތިކަމުން މިނިވަންވުން: އިސްލާމްދީނުގެ ޙަޤީޤީ ރީތިކަމާއި ސާފުކަން އިންސާނާގެ ހިތްތަކާއި ސިކުނޑިތައް އިސްލާމްދީނުގެ ހިޔާވަހިކަމަށް ރުޖޫޢަވަނީ އެ ދީނުގައިވާ ފުން، އަދި ބަދަލެއްނެތް ޙަޤީޤީ ސާފުކަމުގެ ސަބަބުންނެވެ. އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ ބާވަތްތަކެއް ނޫނެވެ. އެއީ އިންސާނާގެ ނަފްސާއި ބުއްދި، މި ދުނިޔޭގެ މާއްދީ އަޅުވެތިކަމުންނާއި، ފަނާވެދަނިވި ފިކުރުތަކުން އެއްކޮށް މިނިވަންކޮށްދޭ މަތިވެރި ނިޒާމެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މީހުން އިސްލާމްދީން އިޚްތިޔާރުކުރަނީ، އެ ދީނަކީ އިންސާނާ އުފެއްދެވި ފަރާތާ އޮންނަ ސީދާ، ސާފު ގުޅުމެއް ކަމަށްވާތީއެވެ. އެއްވެސް އިންސާނަކަށް ނުވަތަ ސިޔާސީ ބާރަކަށް އަނެކާގެ ސިކުނޑީގެ މައްޗަށް ވެރިނުވެވޭނެކަން ކަށަވަރުކޮށްދީ، ހަމައެކަނި ހެއްދެވި ފަރާތަށް ބޯލެނބުމުގެ ސަބަބުން ހިތަށް ލިބޭ ދާއިމީ ހަމަޖެހުމަކީ އިސްލާމްދީނުގެ ޙަޤީޤީ މުޢުޖިޒާތެވެ. ކުފުރާއި ފާޙިޝިއްޔާތުތަކާއި ހަޑިމުޑުދާރުކަމުން އިންސާނާގެ ސިކުނޑި ތަޣައްޔަރުވެ ހަލާކުގެ ތެރެއަށް ވެއްޓި ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލުމާއި، ދޮގާއި، މަކަރާއި، ނަފްރަތުގެ ސިޔާސަތުން ފުރިފައިވާ މި ޒަމާނުގައި، އިސްލާމްދީން ދައްކުވައިދެނީ ވަކި ނަސްލަކަށް، ނުވަތަ ޤައުމަކަށް ބެލުމެއްނެތް ޙަޤީޤީ އިންސާނީ ހަމަހަމަކަމާއި ޢަދުލުވެރިކަމެވެ. އެހެންކަމުން، ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރުން ސަލާމަތްވެ، ޙަޤީޤީ ޙައްޤު މަގު ހޯދަން އެދޭ ކޮންމެ ސަލާމަތްބުއްދިއެއްގެ މިޞްރާބަކަށް އިސްލާމްދީން ވަނީ އެއީ ފިޠުރަތުގެ ސާފު ޙަޤީޤަތް ކަމަށްވާތީއެވެ.
”’އަމިއްލަ ދިފާޢުގައި“ ކަމަށް ބުނެ އެމެރިކާއިން އީރާނަށް ޙަމަލާދޭން ފަށައިފި

ވޮޝިންގްޓަން / ތެހެރާން / ޖޫން 10، 2026 – މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ސީދާ ގޮތެއްގައި ވަދެ، އީރާނަށް ޙަމަލާދޭން ފަށައިފިއެވެ. U.S. Central Command (CENTCOM) forces began launching self-defense strikes against Iran at 5 p.m. ET today at the Commander in Chief’s direction, in response to yesterday’s downing of a U.S. Army Apache helicopter. The mission is a proportional response to unjustified Iranian… — U.S. Central Command (@CENTCOM) June 9, 2026 އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ޙަމަލާތަކަކީ އެމެރިކާގެ އަސްކަރިއްޔާގެ ”އަޕާޗީ“ މަރުކާގެ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން، ”އަމިއްލަ ދިފާޢުގައި“ އީރާނަށް އަމާޒުކޮށް ދޭންފެށި ޙަމަލާތަކެކެވެ. ފުށުއަރާ ބަސްތަކާއި އީރާނުގެ ރައްދު މި ހާދިސާއާ ގުޅިގެން ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ފެންނަމުންދަނީ ވަރަށް ބޮޑަށް ފުށުއަރާ މަންޒަރުތަކެކެވެ. – ޓްރަމްޕްގެ ބަސްމަގު ބަދަލުވުން: ހެލިކޮޕްޓަރު ވައްޓާލިކަން އެނގުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ ވިދާޅުވީ، މިކަމަށް އެމެރިކާއިން ”ކޮންމެހެން ވެސް ރައްދުދޭން ޖެހޭނެ“ ކަމަށެވެ. ނަމަވެސް، އަސްކަރީ މާހިރުން ހައިރާންކޮށްލަމުން ފަހުން އޭނާ ވަނީ މި ހާދިސާގެ ސީރިއަސްކަން ކުޑަކޮށްލުމުގެ ގޮތުން، އެއީ ”އެހާ ބޮޑު ކަމެއް ނޫން“ ކަމަށް ވިދާޅުވެފައެވެ. – އީރާނުން ދޮގުކުރުން: އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވަނީ، އީރާނުގެ އަސްކަރިއްޔާއިން ގަސްތުގައި އެމެރިކާގެ ހެލިކޮޕްޓަރަކަށް ޙަމަލާދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. މިއިން ދޭހަވަނީ މިއީ އޮޅުމަކުން ނުވަތަ ޑްރޯންއަކާ ޖެހިގެން ހިނގި ހާދިސާއަކަށް ވުމުގެ ފުރުޞަތު އޮތް ކަމެވެ. ނަމަވެސް އެމެރިކާއިން މިކަން ނަގާފައިވަނީ ސީދާ ޢަދާވާތްތެރި ޢަމަލެއްގެ ގޮތުގައެވެ.
ގަސްދުގައި ކޯޓު އަމުރާ ޚިލާފުވުމުން އަދަދު ނޫހުގެ ޝަހުޒާން ރައީސް އޮފީހުގެ ޕްރެސް ރޫމުން ބޭރުކޮށްފި

ރައީސް މުހައްމަދު މުއިއްޒަށް ހުތުރު ތުހުމަތުތަކެއްކޮށް ’އަދަދު‘ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާއި ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުން އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުގެ ޕްރެސް ރޫމުން ބޭރުކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ’އައިޝާ‘ ޑޮއިއުމަންޓާ ގުޅޭ ވާހަކަތަކާ ގުޅިގެން ރައީސް މުއިއްޒާ ޝަހުޒާން ސުވާލުކުރުމުން ރައީސް ވަނީ ކަނޑައެޅިގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތައް އަޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ޝަހުޒާން ކޯޓު އަމުރާ ހިލާފުވެވެފައިވާ ކަމަށާއި އެހެންވެ ރައީސް އޮފީސް ދޫކޮށް ދިއުމަށް ރައީސް ވަނީ ޝަހުޒާނަށް އަންގައިފައެވެ. ”އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކުރައްވާ ވަޑައިގަންނަވަން،“ އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރައީސް އޮފީސް ތެރޭ ’ރޫލް އޮފް ލޯ‘ ހިފެހެއްޓޭނެ ކަމަށެވެ. އެހެންވެ ޝަހުޒާން ރައީސް އޮފީހުން ނެރުނީ ސެކިއުރިޓީވެސް ބޭނުންކޮށްގެންނެވެ. ކްރިމިނަލް ކޯޓުން ’އައިޝާ‘ ޑޮކިއުމަންޓަރީގެ މައްސަލައިގައި ނެރެފައިވާ އަމުރުގައިވަނީ ބައެއް ކަންކަން ބަޔާންކޮށްފައެވެ. ’އަދަދު‘ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުން ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން. ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުން ކޯޓުން ބުނީ އޭގެން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންކަމުން ޝަހުޒާންގެ މިއަދުގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. ކޯޓުގެ ހުރުމަތް ކެނޑުމަކީ ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށެކެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ، ލާސާނީ، އަޙްމަދު ފަޔާޟް (31އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އަޙްމަދު ފަޔާޟް ހޯދަމުންދަނީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް، މިހާތަނަށް ހާޒިރުކުރެވިފައި ނުވާތީއެވެ. އެހެންކަމުން، އޭނާ ބަންދުގައި ބަހައްޓައިގެން 2026 އޭޕްރީލް 14 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އަޙްމަދު ފަޔާޟްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އެމެރިކާގެ ސިޔާސަތުތަކަށް އިތުބާރު ގެއްލި އާސިއާން ޤައުމުތަކުން ޗައިނާއާ ދިމާލަށް އެނބުރެނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޕެސިފިކް ސަރަޙައްދުގެ ބައިނަލްއަގުވާމީ ސިޔާސީ މަޝްރަހަށް ސިއްރުގައި އެހެންނަމަވެސް ބޮޑު ބަދަލުތަކެއް އަންނަމުންދާކަން ހާމަވެއްޖެއެވެ. އަލަށް އާންމުކުރި ’އައިސީއެސް (ISEAS) 2026‘ ސަރވޭ އިން ދައްކާގޮތުގައި، އާސިއާން (އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް) ގެ ގިނަ ޤައުމުތަކުން މިހާރު އެމެރިކާއަށްވުރެ ބޮޑަށް ބޮޑު ބާރެއްގެ ގޮތުގައި ޗައިނާއާ ގުޅުން ބޭއްވުމަށް އިސްކަންދެއެވެ. މިއީ މި ސަރަޙައްދުގެ ތާރީޚުގައި މިފަދަ ގޮތަކަށް ކަންތައް ވީ ފުރަތަމަ ފަހަރެވެ. މި ބަދަލަކީ ބެއިޖިންގގެ ފިކުރާ ގުޅުމަށްވުރެ ބޮޑަށް، ވޮޝިންޓަނާމެދު އޮންނަ ”އިތުބާރު ކުޑަވުމުގެ“ ސަބަބުން އައިސްފައިވާ ބަދަލެކެވެ. އާސިއާންގެ ލީޑަރުން ސިއްރު މަޝްވަރާތަކުގައި ފާހަގަކުރައްވާ ގޮތުގައި، އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި ހުރި ޔަގީންކަންކުޑަ ކަންކަމާއި، މެދުއިރުމަތީގެ އަދި ވިލާތުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ މާބޮޑަށް ވަދެފައިވުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އިޤްތިޞާދީ ކުރިއެރުމާއި ސަޕްލައި ޗެއިންތަކުގެ ހަމަޖެހުމަށް އިސްކަންދޭ އިރުމަތީ އޭޝިއާގެ ގައުމުތަކަށް، ބެއިޖިންގ ފެންނަނީ ސަރަޙައްދަށް އިސްކަންދޭ، މާ އިތުބާރުކުރެވޭ ބައިވެރިއެއްގެ ގޮތުގައެވެ. މިއިން ދައްކައިދެނީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އެމެރިކާގެ ޑިޕްލޮމެޓިކް ބާރު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ 2 އަންހެނުން ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޖެނިފަރ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ) އެވެ. އެޕްރީލް 1 ވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ. މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ށ. ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ / ސަންލައިޓް، ޙުސައިން ޖަމީލް (36އ) އެވެ. ފުނަދޫ މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރަށް !

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މާރިޗު 30 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިނިޝް މުރުގަން، އިންޑިއާ (23އ) ކަމަށެވެ. އަދި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓާއި، އޭނާ ދުއްވި ސައިކަލު ބަލައިފާސްކުރިއިރު 12 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި އޭނާ ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުންނެވެ.
އެކްސިޑެންޓް މައްސަލައެއްގައި މީހަކު ހޯދަނީ

އެކްސިޑެންޓް މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދި އިޢުލާނުކޮށްފިއެވެ. ފުލުހުން އާންމުކުރި ވީޑިއޯ އިން ފެންނަ މީހާއަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށް ފުލުހުން ހާމަކުރިއެވެ. https://youtu.be/UR1NZXEl5LQ?si=fx22JpczHL9DNmBV އެހެންކަމުން އެ ވީޑިޢޯގައިވާ މީހާ ދެނެގަނެވިފައިވާ ފަރާތެއްނަމަ ލަސްނުކޮށް ފުލުހުންގެ ނަންބަރު 9444880 ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދިމިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކުރާކަމަށް ބުނެފައިވެއެވެ. އެކްސިޑެންޓް މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެމަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި… pic.twitter.com/BtWEEptldy — Maldives Police (@PoliceMv) April 1, 2026
ފުލުހުންގެ ޕްރޮމޯޝަން: އުސޫލުގެ ތެރެއިން ކުރިންވެސް އޮތީ ދޭން ނިންމާފައި

ކައުންސިލް އިންތިޚާބާއި ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ބުނެ ”އަދަދު“ ނޫހުގައި ޝާޢިއުކުރި ޚަބަރާއި ގުޅޭގޮތުން އެކަން ހިނގާދިޔަގޮތް ފުލުހުން ހާމަކޮށްފިއެވެ. އަދަދު ނޫހުން އާންމުކުރި ޚަބަރުގައި ބުނެފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ބޮޑުވެފައިވާ ކަމަށް ބުނެ އެ އިދާރާއިން ސާކިއުލާއެއް ނެރުނީ އިއްޔެ ކަމަށެވެ. ”މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ޔުނީފޯމު ފުލުހުން ބަދަލުކުރުމުގައި އަމަލުކުރަމުންދާނީ، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރު ހަމަވެ، މުވައްޒަފުންގެ ހިދުމަތުގައި ފެންވަރު ވަޒަންކުރުމުގެ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހުގެ ނަތީޖާ އެވެރެޖު 75 އިންސައްތައަށްވުރެ މަތިން ފާސްވެފައިވާ ފަރާތްތައް ބަދަލުކުރާ ގޮތަށް،“ އެ ސާކިއުލާގައި ބުނެފައިވެ އެވެ. މިއީ ކުރިން ގެނެސްފައި އޮތް ބަދަލެއް ނަމަވެސް އެ ބަދަލަށް ޢަމަލުކުރަން ފެށުމުން އަދަދު ނޫހުން ވަނީ އެއީ އިންތިޚާބަށް ނުފޫޒު ފޯރުވަން ގެނައި ބަދަލެއް ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. މިކަމާގުޅިގެން ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ރައްދު ދެއްވާފައެވެ. ”މި އެލަވަންސަކީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް،“ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި އެވެ. ޝިފާން އިތުރަށް ވިދާޅުވީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ 2026 މާރިޗު 1 އަށް ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައި ވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ވަނީ ބަދަލުކޮށްފައިކަމަށެވެ. އަދި މި އެލަވަންސަކީ ޕޭ ފްރޭމްވޯކަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން 2 އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށްވެސް ޝިފާން ވިދާޅުވިއެވެ. ދައުލަތުގެ ޕޭ ފްރޭމްވޯކަށް @PoliceMv ފުލުހުން ބަދަލުވިތާ 2026 މާރިޗު 1 އަށް ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައި ވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ވަނީ ބަދަލުކޮށްފައެވެ. މި އެލަވަންސަކީ ޕޭ ފްރޭމްވޯކަށް ޢަމަލުކުރަން ފެށި… — Ahmed Shifan (@Shifan4040) March 31, 2026 މި ބަދަލު ގެނެސްފައިވަނީ، ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށް ކަމަށްވެސް ޝިފާން ވިދާޅުވިއެވެ. މާޗު 2024، ގައި ފުލުހުންގެ މުސާރަ 35 ޕަސެންޓު ބޮޑުކުރި އެވެ. އެއީ އީ 2009 ގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރެވެ. އޭރު މުސާރަ ބޮޑުކުރިއިރު އާ މުސާރައިގެ އޮނިގަނޑުގައި ހިމެނީ އަސާސީ މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސާއި ޖޮބް އެލަވަންސާއި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެކެވެ. ފުލުހުންނަށް މިހާރު ލިބެނީ މަޤާމުގެ އެލަވަންސާއި ސާވިސް އެލަވަންސާއި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިރާ އާއި ކުރާ މަސައްކަތަށް ބިނާކޮށް އަލަށް ތައާރަފުކުރާ ޕޮލިސް އެލަވަންސެވެ.
މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއް ކަމަށް ބުނެ އެމްޑީޕީން ކޮންޖެޝަން ފީއެއް ނަގަން އުޅުނު: ޝުޖާއު

މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއް ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ އަތުން ކޮންޖެޝަން ފީއެއް ނަގަން އުޅުނު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. މެންބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއް ކަމަށް ބުނެ، ރައްޔިތުންގެ އަތުން ”ކޮންޖެޝަން ފީ“ ގެ ނަމުގައި ޓެކްސްއެއް ނެގުމަށް އޭރުގެ ކެބިނެޓުން ނިންމައި، އެކަމާ ގުޅޭ ލިޔެކިޔުންތައް މާލޭ ސިޓީ ކައުންސިލާ ޙިއްޞާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މަކަރުވެރި މި ރޭވުން ހުއްޓުވީ މާލޭ ސިޓީގެ މޭޔަރުކަމުގައި އޭރު ހުންނެވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް، ޝުޖާއު ވަނީ ވިދާޅުވެފައެވެ. ”އެމްޑީޕީ ވެރިކަމުގެ ތެރޭގައި އުޅުނޭ މާލޭގެ ރައްޔިތުންގެ އަތުން ނުވަތަ މާލޭގެ ދިރިއުޅޭ ރައްޔިތުންގެ އަތުން ގަނޑުކޮށް ޓެކުހެއް ނަގަން، މިއީ ކެބިނެޓުގަ މަޝްވަރާ ކުރެވުނުކަމެއް. އެ ޓެކްސްއަށް ކިޔަން އުޅުނީ ”ކޮންޖެޝަން ފީ“، ކެބިނެޓުގަ މަޝްވަރާކުރެވުނު ޕޭޕަރެއް މާލޭ ސިޓީ ކައުންސިލާ ޙިއްޞާ ކުރެއްވި،“ – މެންބަރު ޝުޖާއު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ހަތިޔާރު ހުރި މަސްބޯޓުތަކެއް ލަންކާއިން އަތުލައިގެންފި

650 ކިލޯގެ މަސްތުވާތަކެެއްޗާއި ގިނަ ޢަދަދެއްގެ ހަތިޔާރު ހުރި މަސް ދޯނިތަކެއް ސްރީ ލަންކާގެ ކަނޑުގެ ސިފައިން އަތުލައިގެންފިއެވެ. މިއީ ލަންކާ ސިފައިން ކަނޑުމަތިން މިހާތަނަށް ހަތިޔާރު އެންމެ ގިނައިން އަތުލައިގަތް ފަހަރެވެ. ސްރީ ލަންކާގެ ނޭވީ އިން ބުނީ އެ އުޅަނދުތައް ހިފަހައްޓާފައި ވަނީ ކަނޑުމަތީގެ ޚާއްޞަ ޤަައުމީ އޮޕަރޭޝަނެއް ކަމަށްވާ “އަ ނޭޝަން ޔުނައިޓެޑް”ގެ ދަށުން، މާރިޗު މަހުގެ 12ވަނަ ދުވަހު ކަމަށެވެ. އެ ޙަރަކާތުގެ ދަށުން ދެ މަސް ދޯނި ހުއްޓުވާފައިވާ ކަމަށާއި، ދިހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސްރީ ލަންކާއިން ބުނެއެވެ. އުޅަނދުތަކުން އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި 478 ކިލޯގެ ކްރިސްޓަލް މެތަމްފެޓަމައިންއާއި 176 ކިލޯގެ ހެރޮއިން ހިމެނެއެވެ. މަސްތުވާތަކެތީގެ އިތުރުން އަށް ފިސްތޯލަ އާއި އޭގެ ދެ މެގަޒިން އާއި ޓީ56 ގެ ދެ އެސޯލްޓް ރައިފަލް އާއި އެމް16 އެއް ވެސް ފެނިފައިވެ އެވެ. އަދި ބައެއް މުއާސަލާތީ ސާމާނު ވެސް ފެނިފައިވެއެވެ. 2025ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާއިން ވަނީ 136 ޑްރަގު ބޯޓު އަތުލައިގެންފައެވެ. އެ އުޅަނދުތަކުން 75 ބިލިއަން ސްރީލަންކަން ރުޕީސްގެ ޑްރަގު ފެނިފައިވެއެވެ. މި އަހަރުގެ މިހާތަނަށް ވެސް 14 ބޯޓު އަތުލައިގެންފައިވެއެވެ.
ސޯސަންމަގުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް

ސޯސަން މަގުގައި ހުންނަ ކެފޭގައި ހުރި ބަދިގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ސޯޝަލް މީޑިއާގައި ދަައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ކެފޭގެ މަތީ ފްލޯގައެވެ. ހެންވޭރު ދޫހިމެރިމަގައި ހުރި ”ގާމަގު“ ނަމަކަށް ކިޔާ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި އަހަރުގެ މިހާތަނަށް އެކްސިޑެންޓްގެ 1،907 މައްސަލަ ރިޕޯޓްކޮށްފައިވޭ

މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓްގެ 1907 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީއީ 2023 ވަނަ އަހަރުގެ ފުރަތަމަ 3 ކުއާޓާގައި ރިޕޯޓްކޮށްފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓް 1،669 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން 1،584 އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލޭގައި 1،166 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، ހުޅުމާލޭގައި 413 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ. ވިލިމާލޭގައި 5 އެކްސިޑެންޓް މިއަހަރު އޮގަސްޓްމަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އޮގަސްޓު މަހު 204 ޓްރެފިކް އެކްސިޑެންޓު ހިނގާފައިވެއެވެ. މިއީ ވައްކަމާއި ޖެހިގެން ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކުރެވޭ މައްސަލަކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ. މި އަހަރު ރިޕޯޓުކޮށްފައިވާ ޓްރެފިކް އެކްސިޑެންޓުތަކުގެ ތަފާސްހިސާބު ޖެނުއަރީ: 263 ފެބްރުއަރީ: 267 މާޗް: 301 އޭޕްރިލް: 221 މޭ: 226 ޖޫން: 215 ޖުލައި: 210 އޮގަސްޓު: 204 މިއަދު ހެނދުނުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު ސައިކަލު ދުއްވަން އިން ފަރާތުގެ ބޯ ފަޅައިގެންގޮސްފައިވާ މަންޒަރު ފެނެއެވެ.
ރިސޯޓު ހަދަން 17 ރަށެއް ހުޅުވާލައިފި

ރިސޯޓު ހަދަން ނުވަ އަތޮޅަކުން 17 ރަށާއި ފަޅު ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ސޮވަރިން ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފި

ސޮވަރިން ޑިވަލޮޕްމެންޓް ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމޭ އިރު އެ ފަންޑަށް ޖަމާކުރާ އަދަދު 100 މިލިއަން ޑޮލަރަށް އިތުރު ކުރަން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު!

ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ރާއްޖޭގައި ކޮންމެ އަހަރަކު 150 މީހުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންދާޒާކުރާ ކަމަށް، އެޗްޕީއޭއިން ބުނެފި އެވެ