ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތައް މިއަދުން ފެށިގެން ބޮޑުތަނުން ހެޔޮކޮށްފިއެވެ.
މިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން ފިޔާ އަދި އަލުވީގެ އަގުތަކަށް ގެނެވުނު ބަދަލާއެކު އެސްޓީއޯ އިން މީގެ ކުރިން 12 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރު 10 ރުފިޔާއަށް ތިރިވެފައިވާ ކަމަށެވެ. އެސްޓީއޯއިން މީގެ ކުރިން ފިޔާ ބަސްތާއެއް ވިއްކަމުން އައީ 250 ރުފިޔާއަށް ނަމަވެސް އަގުތަކަށް ގެނެވުނު ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް އަގު ވަނީ 160 ރުފިޔާއަށް ތިރިވެފައެވެ.
މީގެ އިތުރުން އެސްޓީއޯ އިން އަލުވި ކިލޯއެއް މިހާތަނަށް ވިއްކަމުން އައީ 14 ރުފިޔާއަށެވެ. ނަމަވެސް އަގުތަކަށް ގެނެވުނު ބަދަލާއެކު ކިލޯއެއް އަގު މިހާރު ވަނީ 12 ރުފިޔާއަށް ތިރިވެފައެވެ. ހަމައެހެންމެ، އެސްޓީއޯ އިން ވަނީ މީގެ ކުރިން 300 ރުފިޔާއަށް ވިއްކަމުން އައި އަލުވި ބަސްތާއެއްގެ އަގު 190 ރުފިޔާއަށް ތިރިކޮށްފައެވެ.
އެސްޓީއޯއިން ބުނެފައިވަނީ، ފިޔާ އަދި އަލުވީގެ އަގުތަކަށް ގެނެވުނު މި ބަދަލަކީ ރަމަޟާން މަހު ދިވެހިން ބޭނުންކުރާ މިފަދަ ތަކެތި ހެޔޮއަގުގައި ފޯރުކޮށްދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށާއި، ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކުގެ އަގުތައްވެސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކާބޯތަކެތީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި 26 ބާވަތެއް ހިމަނާފައިވާއިރު، އެ ތަކެތީގެ އަގުތަށް އެސްޓީއޯގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަގުތުން ބަލައިލެވޭނެއެވެ.












