ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި މުވައްޒަފަކަށް އަނިޔާވެ ވެންޓިލޭޓަރުގައި ފަރުވާ ދޭންފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހާދިސާގައި އަނިޔާވި މީހާއަށް މިވަގުތު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ސޯޝަލްމީޑިއާގައި މީހަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ކުންފުނީގެ އިހުމާލު މިކަމުގައި އޮތް ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް ފުލުހުން އަދި ވެމްކޯއިންވެސް މިފަދަ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ހާދިސާ އާއި ގުޅިގެން އެޗްއާރުސީއެމުން ބުނީ ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަޙުޤީގެއް ހިންގަން މިރޭ ބޭއްވި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.










