މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ”ހުކުރު ޚުޠުބާ ކުއިޒް“ ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިފްތިތާޙުކޮށްފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި މުބާރަތަކީ ޢުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ހުކުރު ޚުޠުބާއަށް ދޭ ސަމާލުކަން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ހުކުރު ޚުޠުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި ޚުޠުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން ޢާއިލާތަކުގެ މެދުގައި ހުކުރު ޚުޠުބާގެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، ޢާއިލީ ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި ކުއިޒަކީ ދިވެހި ބަހުން ކުރިއަށްގެންދާ ”އޯޕަން ބުކް“ މެތަޑަށް ކުރިއަށްދާ ކުއިޒެކެވެ. އެހެންކަމުން ކުއިޒަށް ޖަވާބު ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚުޠުބާ ކިޔަންވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ ޚުޠުބާ ފަހުމުވުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ކުދިންނަށް އޮންނާނެ ކަމަށެވެ.
ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކަމަށްވުމުން، ފޯނުން ނުވަތަ ކޮމްޕިއުޓަރުންވެސް ފަސޭހަކަމާއެކު ކުއިޒުގައި ބައިވެރިވެވޭނެއެވެ. ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކުއިޒް ހުޅުވާލެވޭއިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
މުބާރާތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ބައިވެރިން ވަނީ ތިން އުމުރުފުރައަކަށް ބަހާލާފައެވެ. އެއީ ގްރޫޕް އޭ (7-9 އަހަރު)، ގްރޫޕް ބީ (10-12 އަހަރު) އަދި ގްރޫޕް ސީ (13-15 އަހަރު) އެވެ. މި ކުއިޒުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީއިން މިކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ވައިބަރ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަންޖެހޭނެއެވެ. މި ގްރޫޕަށް ހުކުރު ޚުޠުބާ ލެވޭނެ ކަމަށާއި، ކުއިޒާބެހޭ އިތުރު މަޢުލޫމާތު ވެސް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއީ އޯޕަން ބުކް ކުއިޒަކަށްވާތީ، މުބާރާތުން ވަނަވަނައަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނެވެ. އަދި މާކްސް އެއްވަރުނަމަ އެކުދިންގެ މެދުގައި މެދުގައި ނެގޭ ގުރުއަތަކުންނެވެ. ކޮންމެ އުމުރުފުރައަކުންވެސް ވަނަތަކަށް ހޮވޭ ކުދިންނަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ:
- 1 ވަނަ އަށް ދާ ކުއްޖަކަށް: ޢުމްރާ ދަތުރެއް (ޖުމްލަ 3 ޢުމްރާ ދަތުރު)
- 2 ވަނަ އަށް ދާ ކުއްޖަކަށް: -/1000 ރުފިޔާ
- 3 ވަނަ އަށް ދާ ކުއްޖަކަށް: -/500 ރުފިޔާ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ފަށާ މި ޕްރޮގްރާމަކީ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްވަރު ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމަށް އަޅާ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ވީހާވެސް ގިނަ ކުދިންނާއި ބެލެނިވެރިން މި ފުރުޞަތުގެ ބޭނުން ހިފައި، މި ކުއިޒުގައި ބައިވެރިވުމަކީ އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.












