މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 2026 ފެބްރުއަރީ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ދެ އުޅަނދެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ އުޅަނދުތަކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް (36އ) އާއި، ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (28އ) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.













