މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ޚުޠުބާގެ މައުޟޫޢު އަކީ ”ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު“ އެވެ.
ރަމަޟާން މަހުގެ މާތްކަމަށް އަލި އަޅުއްވާލައްވާ ޚުޠުބާގައި ބުނީ މައްސަރުތަކުގެ ތެރެއިން ރަމަޟާންމަސް އެތައް ގޮތަކުން މާތް الله މާތްކުރައްވައި މަތިވެރިކުރެއްވުމުގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި ޚާއްޞަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނޭ ކަމަށެވެ. އަދި އެ މައްސަރުގައި ކުރާ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުން ވެސް ހިމެނިފައިވާ ކަމަށެވެ.
މިއަދުގެ ޚުޠުބާގައި މި މައްސަރުގައި މުޖްތަމަޢުގެ މަތިވެރިކަން ހިފެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ. ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން ކަމުން މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެ ކަމަށާއި، ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހޭކަމަށް ޚުޠުބާގައި ހަނދާން ކޮށްދިނެވެ.
”ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން ކަމުން މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހެއެވެ. މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭ ކަމެއް ނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މި ފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެއެވެ.“ ޚުޠުބާ
މިއާއިއެކު ތައުބާ ވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ޚުޠުބާގައި އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުން ކަމަށް ބުނެފައިވެއެވެ. އަދި މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމަށް ސަމާލުވުމަށްވެސް ހަނދާން ކޮށްދިނެވެ. ޚުޠުބާގައި ބުނީ ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ ކަމަށެވެ.
ފާފައިން ތައުބާވުމަށް އިރުޝާދުދެއްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ.
قُلْ يَعِبَادِكَ الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لَا تَقْنَلُوا مِن رَّحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ
جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللهއީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.“ ތިމާއަށް ކުރެވިފައިވާ އެންމެހައި ފާފައިން ތައުބާވުމަކީ މުހިންމުކަމެކެވެ. އެހެންކަމުން އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެން މާތް ﷲގެ ޙަޟުރަތަށް ރުޖޫޢަވެ ތައުބާވުމަށް ގޮވައިލަމެވެ!
ޚުޠުބާގައި ބުނީ ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށާއި، މުސްލިމުން ނަމޫނާއަކަށް ބަލަންވީ އަހަރުމެންގެ ނަބިއްޔާ ﷺ ކަމަށެވެ. އަދި މާތް ﷲ އެކަލޭގެފާނުގެ ފާފަފުއްސަވައިދެއްވައިފައިވާ އިރު ވެސް، އެކަލޭގެފާނު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ތައުބާވެވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން، އަހަރެމެން ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑުކަން ޚުޠުބާގައި ބަޔާންކުރިއެވެ.













