ނޫސްތަކުގެ ހެޑްލައިންތަކުން މި ދެދުވަހަކު އެންމެ ބޮޑަށް ފެނިގެންދިޔަ އެއް ހެޑްލައިނަކީ އަވަސްއަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުކުރުމަކީ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ގެއްލިގެންދާނެ ކަމެއް ކަމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ހަމީދު ވިދާޅުވި ވާހަކައެވެ.
ހަމީދު ޢާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ، އެއްވެސް ޕްރޮފެޝަނަލް ޚިދުމަތެއްގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައް އަވަސްއަވަހަށް ބަދަލުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. ހަމީދު ވިދާޅުވީ، ލީޑަރޝިޕަށް ހުއްޓުމެއްނެތި ބަދަލުތައް އަންނަ ނަމަ، އިޞްލާޙީ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. މިހާ ހިސާބުން މިކަން މިހެން އޮތުމުން ފުލުހުންގެ މުއައްސަސާ ހިނގަމުންދަނީ ޤައުމީ މަޞްލަޙަތުގައިތޯ ނުވަތަ ސިޔާސީ މަންފާއަކަށްތޯ ހަމީދު ވަނީ ސުވާލު އުފައްދަވައިފައެވެ.
ނަމަވެސް ހަމީދު ފަދަ ކޮރަޕްޝަނުގެ ސީރިއަސް އެތަށް ތުޙުމަތުތަކެއް ކުރެވޭ ބޭފުޅަކު މިފަދަ މޭރުމަކުން ވާހަކަދެއްކެވުމަކީ ހަޤީޤތުގައި ވަރަށް ބޮޑު ޖޯކެކެވެ. ސަބަބު ވަރަށް ސާފެވެ. ހަމީދަކީ ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު މަޤާމުގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ބޭފުޅެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަންކަމަށް ބަލައިލާއިރު، ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ބަދަލުގައި، އެ މައްސަލަތައް ޙައްލުނުކޮށް ދޫކޮށްލުމުގެ ސަބަބުން، އެއް ބިލިއަން ޑޮލަރުގެ ހައުސިންގ މަޝްރޫއެއް ވަރަށް ބޮޑަށް އޮޅުންބޮޅުންވެގެން ދިޔައެވެ.
މީގެ އިތުރުން އެކަށީގެންވާ ތަމްރީނާއި ޤާބިލުކަމެއް ލިބިފައި ނެތް ސީނިއަރ އޮފިސަރުން އިސް މަޤާމުތަކަށް ހަމަޖެއްސުމުގެ ސަބަބުން، މުޅި މުއައްސަސާގެ ޚިދުމަތުގެ ފެންވަރު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އަދި ހަމައެހެންމެ، ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރު ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތަކެއް ހިނގާފައިވާއިރު، މުއައްސަސާގެ އަޞްލު މަޤްޞަދުތަކާ ޚިލާފަށް، އަމިއްލަ ފައިދާއަށާއި އޭރުގެ ހޯމް މިނިސްޓަރު ޝެއިޙް ޢިމްރާންގެ މަޞްލަޙަތުތައް އިސްކުރުމަށްޓަކައި، ކޮރަޕްޝަންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މަންނާނަށް ދީފައިވެއެވެ.
ހަމީދުގެ ޕޮލިސް ކޮމިޝަނަރު ކަމުގައި ޤާބިލު ފުލުސް އޮފިސަރުން ބިނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު، 2023 ވަނަ އަހަރުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން 400 އަށްވުރެ ގިނަ ފުލުސް އޮފިސަރުންނަށާއި، 150 އަށްވުރެ ގިނަ ސީނިއަރ ފުލުސް އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދީފައިވެއެވެ.
ހަމައެއާއެކު، ޕްރޮކިއުމަންޓް އުޞޫލުތަކާ ޚިލާފަށް، ޓޭޒަރ ގަން އާއި ބޮޑީ ވޯން ކެމެރާގެ މަޝްރޫއެއްވެސް އަމިއްލަ މަޞްލަޙަތު އޮންނަ ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. މިއަދު ހަމީދުއަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.
މި ހުރިހާ ކަމަކަށް ރިޢާޔަތްކުރާއިރު، ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ޤާއިމުކުރުމަށް ނުވަތަ އެ އިތުބާރު ދެމެހެއްޓެވުމަށް އޭނާ ކުރެއްވި އެއްވެސް އިޚުލާސްތެރި މަސައްކަތެއް ޙަޤީޤަތުގައި ނެތެވެ. އަވަސްއަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުވުމަކީ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ގެއްލޭނެ ކަމެއް ކަމަށް ވިދާޅުވެ މިއަދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް ހަމީދު ފަދަ ފަސްބައިގަ ކޮރަޕްޝަންގެ ލައްގަނޑު ޖެހިފައިވާ ބޭފުޅަކު ފުލުހުންގެ މުއައްސަސާގެ އިތުބާރުގެ ވާހަކަ ދެއްކެވުމުން ގިނަ ބަޔަކަށް ވާނީ ބޮޑު ޖޯކަކަށެވެ.





މިރާއްޖޭގައި ތިބި ވަގުންނޭ އެންމެ ހިލިގެން މިއުޅެނީ. އެހެންތާވާނީ. އަދިވެސަ އެކަހަލަ މަޅިއެއް ޖަހައިގެންތާ ގިނައިން ކެވޭނީ