ހިޔާ އަދި ވެށިފަހި މަޝްރޫޢުގެ ދަށުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ނުލިބޭ ފަރާތްތަކުން އެކަން ސާބިތުކޮށްދިނުމަށް އިތުރު ލުއިތަކެއް ދިނުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިކަން ހާމަކޮށް އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހިޔާ އަދި ވެށިފަހި މަޝްރޫޢުގެ ދަށުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓް ނުލިބޭ ފަރާތްތައް ޚާއްޞަ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.
ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢު އިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެއެވެ. އެގޮތުން ކަމާގުޅޭ އިދާރާއަކުން…
— Ministry of Construction, Housing & Infrastructure (@MoCImv) February 19, 2026
އެގޮތުން ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެ ފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެ ކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ވެށިފަހި މަޝްރޫއަކީ މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން 2010 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ނަމަވެސް ވެށިފަހި މަޝްރޫޢުގެ ދަށުން ފުލެޓް ލިބޭނެކަމަށް ކަނޑައެޅި ގިނަ ބަޔަކަށް ފުލެޓް ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ މިއަދާ ހަމައަށްވެސް އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޭގެ ފަހުން 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއަކީ އެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. ނަމަވެސް ސަރުކާރު ބަދަލުވުމަށް ފަހު ފުލެޓް ލިސްޓަށް ގެނައި އެކިކަހަލަ ބަދަލުތަކުގެ ސަބަބުން އެ މަޝްރޫޢުގެ ދަށުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބުނު އެތަކެއް ބަޔަކަށް ފުލެޓް ނުލިބިވާކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ”ބޯހިޔާވަހިކަން އެންމެންނަށް“ ނަމުގައި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ޚާއްޞަކޮށްގެން ބޯހިޔާވަހިކަމުގެ ސްކީމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 15،000 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢުގެ ދަށުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ވަކިން ޚާއްޞަ ކެޓަގަރީއެއް މިހާރު ވަނީ ހިމަނައިފައެވެ. މި ކެޓަގަރީގެ ދަށުން 500 ފުލެޓް ދޫކުރާނެއެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އޭޕްރީލް މަހުގެ 17 ވާ ހުކުރު ދުވަހުގެ ރޭ 23:59 އަށެވެ. މި މުއްދަތުގެ ތެރޭގައި ފުލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން ޞައްޙަ ލިޔެކިޔުންތަކާއެކު ފޯމު ހުށަހެޅުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެދިފައެވެ.














މި ސަރުކާރުން ފްލެޓް އެޅީމައި އަހަރެމެން ތިބޭނަން ކޮތަރު ކޮށްޓަށް ގޮވަން