ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ކޮއްކޯފުޅު މަމްނޫން ޢަބްދުލްޤައްޔޫމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.
”އެކި“ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ 22:10 އެހައިކަންހާއިރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް މަމްނޫން އަވަހާރަވެފައިވަނީ މިރޭ 22:29 ހާއިރުއެވެ.
މަމްނޫން އަވަހާރަވީއިރު ޢުމުރުފުޅުން 68 އަހަރުފުޅެވެ.
މީގެ އަހަރުތަކެއް ކުރީން ކުރިމަތިވި ސިއްހީ މައްސަލައަކަށް މަމްނޫން, ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެ އެވެ. ރޭ ކުއްލި ގޮތަކަށް އަވަހާރަވީއިރު އިއްޔެވެސް ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދެވި ކަމަށް އެނގިފައިވެ އެވެ.
މަމްނޫން އަވަހާރަވުމާއި ގުޅިގެން ރައީސް މައުމޫނާއި ރައީސް ޔާމީން ވެސް ރޭ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. މަމްނޫނަކީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅެވެ. ރައީސް ޔާމީންގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.











