މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ މިސްކިތްތަކުގައި، ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީޙް ނަމާދުކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް ކަރެކްޝަނަލް ސަރވިސްއިން އިއްޔެ އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކަރެކްޝަނުގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީޙް ނަމާދުކުރުމަށާއި ޤައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް ދީނީ ސެޝަންތައް ކުރިއަށްގެންދިއުމަށް ޙާފިޡުން މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރުމަށާއި ޤައިދީންނާއި ބަންދުމީހުންނަށް ދީނީ ސެޝަންތައް ކުރިއަށްގެންދިއުމަށް ހާފިޒުން ހަމަޖައްސައިފި. pic.twitter.com/VMqw19p1pk
— Maldives Correctional Service (@CorrectionsMv) February 17, 2026
މި ރަމަޟާން މަހާ ދިމާކޮށް ކަރެކްޝަނުން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން، މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ދީނީ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިހާރު ބަލަހައްޓަމުން ގެންދަނީ ޖުމްލަ ތިން ޖަލެކެވެ. އެއީ ހުޅުމާލޭ ޖަލާއި، ކ. މާފުށީ ޖަލުގެ އިތުރުން ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލެވެ. މި ހުރިހާ ޖަލުތަކެއްގައިވެސް މި ރަމަޟާން މަހު ދީނީ ހޭލުންތެރިކުރުވުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ކަރެކްޝަނުން އަންނަނީ ޖަލުތަކުގައި ތިބޭ ޤައިދީން އިޞްލާޙުކުރުމުގެ އިތުރުން ޤައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި އެ މީހުން މުޖުތަމަޢަށް ނެރުމަށް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރަމަޟާން މަހާ ދިމާކޮށް ޖަލުތަކުގެ މިސްކިތްތަކުގައި ޙާފިޡުންނާއެކު ތަރާވީޙް ނަމާދުކުރަން ފެށުމާއި، ޖަލުތަކުގައި ދީނީ ސެޝަންތައް ކުރިއަށް ގެންދަން ނިންމުމަކީ އެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ލިބިގެން ދިޔަ ފަހި ފުރުޞަތެއް ކަމަށް ކަރެކްޝަނުން ދެކެއެވެ.












