ކުރިއަށް އޮތް ރަމަޟާން މަހާ ގުޅިގެން މާލޭ ސަރަޙައްދުގައި ފެރީއާއި ބަހުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ޚިދުމަތްދޭ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީ އިން ބުނެފައިވަނީ، އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް، ފެރީއާއި ބަހުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތައް ގެނެސްފައިވަނީ ރަމަޟާން މަހުގެ ވަޤުތުތަކަށް ރިޢާޔަތްކޮށްފައި ކަމަށެވެ.
އެގޮތުން އެ ކުންފުނިން ގެނެސްފައިވާ ބަދަލުތަކަށް ބަލާލާއިރު، މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހަވީރު 17:50 އިން ފެށިގެން ރޭގަނޑު 19:00 އަށް އަދި މާލެ-ތިލަފުށި ފެރީ ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 19:00 އަށް މެދުކަނޑައިލާނެއެވެ. މީގެ އިތުރުން މާލެ-ގުޅީފަޅު ފެރީ ހަވީރު 16:15 އިން ފެށިގެން މެދުކަނޑައިލުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލެ-މާލެ ފެރީގެ ޚިދުމަތް މެންދުރުފަހު 15:00ގެ ފަހުން މެދުކަނޑައިލާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އާރްޓީއެލް ބަހުގެ ދަތުރުތައް ގެނެވުނު ބަދަލުތަކަށް ބަލައިލާއިރު، މާލެ-ހުޅުމާލެ، ހުޅުމާލެ-އެއަރޕޯޓު، އަދި މާލެ-އެއަރޕޯޓު ބަހުގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 19:00 އަށް މެދުކަނޑައިލާނެއެވެ. މީގެ އިތުރުން ހުޅުމާލެ އިންޓަރނަލްގެ ޚިދުމަތް ހަވީރު 17:15 އިން 19:15 އަށް މެދުކަނޑައިލާނެއެވެ.
މާލެ އިންޓަރނަލް އާއި ވިލިމާލެ އިންޓަރނަލް ބަހުގެ ޚިދުމަތް ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ފެށިގެން ރޭގަނޑު 21:00 އަށް މެދުކަނޑައިލާނެއެވެ. އެމްޓީސީސީން ބުނީ، މި ބަދަލުތައް ގެނައުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭނެ ގޮތަކަށެވެ.












