2024 ވަނަ އަހަރުގެ ތިންވަނައަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯރޑް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒަށް ލިބިއްޖެއެވެ.
ޤައުމީ ކުޅިވަރު އެވޯރޑު 2025 އަށް އުމައިރު ނޮމިނޭޓްވެފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައެވެ. މި ކެޓަގަރީގައި އުމައިރު ނޮމިނޭޓް ކޮށްފައިވަނީވެސް ސީދާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ. ސްޕޯޓްސް މިނިސްޓްރީން ބާއްވާ ޤައުމީ ކުޅިވަރު އެވޯރޑުގައި އުމައިރަށް ލިބިފައިވަނީ ކެޓަގަރީގެ ތިންވަނައެވެ.
އެ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޙައްމަދު ރިހާން ޝިހާމެވެ. އެއީ ފެތުންތެރިއެކެވެ. އަހަރުގެ ދެވަނައަށް އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ޒީކް ޙަސަން ލަޠީފްއެވެ. އޭނާއަކީ ޓޭބަލް ޓެނިސް ކުޅުންތެރިއެކެވެ.
އުމައިރަކީ ޓޭބަލް ޓެނިހުގައި ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ނަމަވެސް، ޤައުމީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވުމާއި ގުޅިގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯރމްތަކުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ހިމެނޭހެން އުމައިރަށް އެކި ގޮތްގޮތަށް އަންނަނީ ގަނާކޮށް ފުރައްސާރަކުރަމުންނެވެ.
ފުރައްސާރަކުރާ މީހުން ބުނާގޮތުން އުމައިރު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރިނުވެ އަދި އެއްވެސް މުބާރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީއަކާއި މެޑައްޔެއް ވެސް ނުލިބި ރައީސްގެ ދަރިކަލުންނަށް ވީތީއެވެ. ނަމަވެސް މި ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ހެކިދޭ އެތަކެއް ކަމެއް ފެންނަން އެބަހުއްޓެވެ.
ފާހަގަކޮށްލެވޭގޮތުގައި ސްޕޯޓްސް އެވޯރޑް 2025 މިދިޔަ އަހަރު ލަސްވެ، އެ ޙަފްލާ ބާއްވާފައި ނުވެއެވެ. އެހެންކަމުން ސްޕޯޓްސް އެވޯޑް 2025 އަށް ނޮމިނޭޓްވެފައިވާ ހުރިހާ ކުދިންނަކީވެސް 2024 ވަނަ އަހަރު އެކި ކުޅިވަރުތަކުން ރަންވަނަތަކާއި، ކާމިޔާބީތައް ހޯދައިގެން ނޮމިނޭޓްވީ ކުދިންނެވެ.












