އަންނަ ރަމަޟާން މަހު، އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން ހެޔޮ އަގުގައި ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނީ، އަސާސީ ކާބޯތަކެތީގެ ލިސްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިތުރުކުރެވުނު ބާވަތްތަކާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރަމަޟާން މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް 10 ސެޕްޓެންބަރު 2025 ގައި އިތުރުކުރެވުނު ބާވަތްތަކާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރަމަޟާން މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ.@stoplc pic.twitter.com/8SpYtckfmi
— Ministry of Economic Development and Trade (@MoEDmv) February 15, 2026
އެގޮތުން މާލެ ސަރަޙައްދުގައި ހުންނަ އެސްޓީއޯގެ އައުޓްލެޓްތަކުގެ ތެރެއިން އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ނޯތު ހާބަރު، އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖްގެ އިތުރުން އެސްޓީއޯ ވިލިމާލެ ފިހާރައިން މި ތަކެތި ލިބޭނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ އެސްޓީއޯ ޕީޕަލްސް ޗޮއިސް، ރަމަޟާން މަސް ފެށުމުގެ ކުރިން ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ މަޢުލޫމާތު ދީފައެވެ.
މާލެ ސަރަޙައްދު ފިޔަވައި އަތޮޅުތެރޭގެ 11 ސަރަޙައްދެއްގައި އެސްޓީއޯގެ ތަކެތި ފޯރުކޮށްދެއެވެ. އެ ސަރަޙައްދުތަކަކީ ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ހަތަރު ރަށް ކަމަށްވާ ސ. ހިތަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ އަދި ސ. ހުޅުމީދޫއެވެ.
ރަމަޟާން މަހު ތަކެތީގެ އަގުތައް މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓުމަށް ކޮންމެ އަހަރަކުވެސް އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.












