Saturday, 24 October 2026
Ads by

ދަރުމައަށް އެދޭ ޙާލު، ރަމަޟާންމަހަށް އިސްތިޤުބާލުކުރުމަށް ޚުޠުބާގައި ގޮވާލައިފި

ދަރުމައަށް އެދޭ ޙާލު، ރަމަޟާންމަހަށް އިސްތިޤުބާލުކުރުމަށް ޚުޠުބާގައި ގޮވާލައިފި

ދަރުމައަށް އެދޭ ޙާލު، ރަމަޟާންމަހަށް އިސްތިޤުބާލުކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

Ad Image
Ads by

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫޢުއަކީ ”ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުޙަބާ“ މި މަޢުޟޫޢު އެވެ. މި ޚުޠުބާގައި އަލި އަޅުވާލާފައި ވަނީ ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގައި އަހަރުމެން ޢަމަލުތައް ބަހައްޓަންވީ ގޮތުގެ މައްޗަށެވެ.

”އީމާންވެތިބެ، ދަރުމައަށް އެދޭ ޙާލު، ރަމަޟާންމަހަށް އިސްތިޤުބާލުކުރުމަށް ގޮވައިލަމެވެ! އަހަރެމެންގެ ޞާލިޙު ސަލަފުން، އެ މަހަށް އިސްތިޤުބާލުކުރެއްވިއެވެ. އެ ބޭކަލުންގެ ޙަޔާތުގައި ރަމަޟާންމަސް ތަކުރާރުވުމަށް އެދިވަޑައިގަތެވެ. އެއީ އެ މަހުގެ ބަރަކާތާއި، ދަރުމައިގެ ބޮޑުކަމުންނެވެ. އަޅުކަމާއި ހެޔޮ ޢަމަލުތަކަށް ހުރި ފުރުޞަތުގެ ގިނަކަމުންނެވެ. ރޯދައަށް ފުރިހަމައަށް އިސްތިޤުބާލުކުރެވޭނީ، ރޯދައަކީ ކޮބައިކަމާއި، ރޯދައާ ބެހޭ ޢާންމު ޙުކުމްތައް އެނގިގެންނެވެ. އެއީ މުސްލިމުންނަށް އެނގުން ލާޒިމު ކަންކަމެވެ.“

ޝަރުޢީ ގޮތުން ރޯދައަކީ، އެ ކަމަށް ނިޔަތްގަނެ، ފަޖުރުލީއްސުރެ، އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެން ހުރުމެވެ. މީގެ އިތުރަށް ރޯދަވެރިޔާ އޭނާގެ ދުލާއި، އެހެނިހެން ގުނަވަންތައް މުންކަރާތްތަކުން އެއްކިބާކުރާންޖެހޭނެ ކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި އެއީ ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކަށް އަރައިގަންނަ މީހާ، ނުކައި ނުބޮއި ހުރިކަމުގައި ވިޔަސް، އެތައްއެތައް ސަވާބަކުން އޭނާ މަޙުރޫމުވާތީ ކަމަށާއި، އޭނާ ކުރާ ރޭއަޅުކަން ވެސް ހަމަ އެފަދަ ކަމަށް ބަޔާންކުރިއެވެ.

 

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْـجُوْعُ، وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ) މާނައީ: ”ރޯދައަށް ހުރުމުން ހައިހޫނުކަން ފިޔަވައި، އެހެންކަމެއް ނުލިބޭ ކިތައްކިތައް ރޯދަވެރީން ވޭހެއްޔެވެ! އަދި ރޭއަޅުކަންކުރުމުން ނިދި ނަގައިލުމާއި ހޭލައިހުރުން ފިޔަވައި އެހެން ކަމެއް ނުލިބޭ ކިތައްކިތައް މީހުން ވޭހެއްޔެވެ!

ރަމަޟާން މަހުގެ މާތްކަން ބަޔާންކޮށް ޚުޠުބާގައި ބުނީ ރަމަޟާންމަހަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ މައްސަރުކަމަށާއި، އެއީ މަތިވެރި އަޚުލާޤާއި ތަރުބިޔަތުގެ މަސްކަމަށެވެ. އަދި އެއީ ކެތްތެރިކަމާއި، އޯގާވެރިކަމުގެ މަސްކަމާއި، ރޯދައަކީ، އިޚުލާޞްތެރިކަމާއި، އަމާނާތްތެރިކަން ދަސްކޮށްދޭ އަޅުކަމެއް ކަމަށް ބަޔާންކުރިއެވެ. އެހެނިހެން އަޅުކަންތަކާ އަޅައި ބަލާ އިރު، ރޯދައިގެ ސަވާބު އެހައި ބޮޑީ ރޯދަވެރިޔާގެ ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރަކަށްވުމާއި، އެއީ ދެއްކުންތެރިކަމެއްނެތި، އިޚުލާޞްތެރިވެ ހުރެ، ހިފާ ރޯދައަކީ، ހުރިހައި މާނައެއްގައި ތަޤުވާވެރިކަމާއި އިޙުސާންތެރިކަން އެކުލެވިގެންވާ އަޅުކަމެއް ކަމުގައި ވާތީ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ރޯދައިގެ މަތިވެރިކަން ހާމަކުރައްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ رَمَضَانَ إِيـْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައީ: ”އީމާންކަންމަތީ ހުރެ، ސަވާބަށް އެދޭ ޙާލު، ރަމަޟާންމަހު ރޯދަހިފައިފި މީހާގެ އިސްވެދިޔަ ފާފަތައް މާތް الله ފުއްސަވާހުށްޓެވެ.“

ޚުޠުބާގައި ގޮވާލީ ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވުމުން ފަރުޟު ރޯދަޔާ ބެހޭ މުހިންމު ބައެއް ޙުކުމްތައް ދެނެގަތުމަކީ މުހިންމު ކަމެއްކަމަށެވެ.

ޙުކުމްތަކުގެ ތެރޭގައި:

-އެގޮތުން ރަމަޟާންމަސް ވަންނަ ހިނދު ހެޔޮ ޞިއްޙަތުގައި ރަށުގައި ޤާއިމުވެހުރެއްޖެ މީހާ ރޯދަހިފުން ވާޖިބުވެގެން ވުން.

-ދަތުރެއްގެ މަތީގައިވާ މީހާ ފަހުން ޤަޟާކުރުމަށް، ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ލިބިގެންވުން.

-ބަލިމީހާ ބަލީން ރަނގަޅުވެއްޖައުމަށްދާންދެން ރޯދަ ދޫކޮށްލުން ހުއްދަވެގެންވުން.

-ދާއިމީ ބަލިކަމެއް ތަޙައްމަލުކުރަމުންދާ މީހާ ނުވަތަ ބަލި ފަސޭހަވާނޭކަމުގެ އުއްމީދެއްނެތް މީހާ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން.

-މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހާ ވެސް ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން.

-މުސްކުޅިޔަކު ކަމުގައި ވިޔަސް ޒުވާނަކު ކަމުގައި ވިޔަސް ހަމަ ބުއްދި ނުވާ މީހުންގެ މައްޗަށް ރޯދަހިފުން ވާޖިބުވެގެންނެއްނުވާކަން.

ޚުޠުބާގައި ބުނީ ރޯދަވެރިޔާ ކެއިންބުއިމުން ރޯދަގެއްލޭ ފަދައިން، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި، ޑަޔަލިސިސް ހެދުމުން ވެސް ރޯދަ ގެއްލޭނެ ކަމަށެވެ.އަދި އެފަދައިން ގެއްލޭ ރޯދަ ޙައިޟުވެރީންނާއި ނިފާސްވެރީން ފަދައިން، އެރޯދަތައް ފަހުން ޤަޟާކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ރޯދަ ހިފުމުގެ ސަބަބުން ވަރުދެރަވެ އޭނާއާއި ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ޙާލަތްތަކުގައި މާބަނޑުމީހުންނާއި ކިރުމައިންނަށް ރޯދަ ދޫކޮށްލުން ހުއްދަކަމަށާއި، މިފަދަ މީހުން ވެސް ދޫކޮށްލި ރޯދަ ފަހުން ޤަޟާކުރާންޖެހޭނެކަން ޚުޠުބާގައި ހަނދާން ކޮށްދިނެވެ. ބަލިމީހުންނަށް އެ މީހުންގެ ޝަރުޢީ ޢުޒުރު ދެމިއޮތްހައި ހިނދަކު، ފާއިތުވީ ރޯދަ ފަސްކުރެވޭނެކަމާއި، އެ ފަދަ މީހުން އެ މީހުންގެ ކިބައިން ޢުޒުރު ނެތިދިއުމުން އެ ރޯދަތައް އަވަހަށް ޤަޟާކުރާންވާނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޝަރުޢީ ޢުޒުރެއްނެތި ރޯދަމަހު ގަސްތުގައި ރޯދައެއް ދޫކޮށްލުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމާއި، އެ މީހަކަށް އޮތީ އެ ކަމުން ތައުބާވުމާ އެކު އެ ރޯދަ ޤަޟާކުރުންކަން ވެސް ޚުޠުބާގައި ބުނެދިނެވެ.

 

ޚުޠުބާގައި ބުނީ ރަމަޟާންމަހުގެ ވަގުތުތައް ބޭކާރުނުކުރުމަށާއި، އެ މަހުގެ ރޭތައް އިޙުޔާކުރުމަށެވެ. މާތް اللهއަށް ތަޤުވާވެރިވާ އަޅުން، ރޭގަނޑުގެ ވަގުތުތައް ހޭދަކުރާ ގޮތާ މެދު ވިސްނާ ފިކުރު ކުރަންވެސް ޚުޠުބާގައި ގޮވާލިއެވެ. އެގޮތުން ވީވަރަކުން ރަމަޟާންމަހު ފަރުޟު ނަމާދުގެ އިތުރަށް، ތަރާވީޙުނަމާދަށް ވަގުތު ހުސްކުރަން ހަނދާނކޮށްދިނެވެ.

ރަމަޟާންމަހަކީ، ރޭއަޅުކަންކުރުން މޮޅުއިތުރު މަހެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ އެހެނީ އެ ރެއެއްގެ ސަވާބާއި ދަރުމަ، އެއް ހާސް މައްސަރަށް ވުރެ މަތިވެރި ލައިލަތުލްޤަދްރި ހިމެނެނީ އެ މަހުގައި ކަމަށާއި އަހަރުމެން ގަދައަޅާ މަސައްކަތް ކުރަންވީ އެ ރޭ ލިބޭތޯ ކަމަށެވެ. ވަކީން ޚާއްޞަކޮށް ޒުވާނުން ރަމަޟާންމަހުގެ ހެޔޮކަމާއި ބަރަކާތް ޙާޞިލުކުރުމަށް ޢަޒުމު ކަނޑައަޅަން ޚުޠުބާގައި ގޮވާލިއެވެ.

މީގެ އިތުރުން މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަން ފާހަގަކޮށް، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭންވެސް ޚުޠުބާގައި ގޮވާލިއެވެ.

މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއްނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ.

ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓަން މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި