މިސްކިތްތަކަށް އިހާނެތިކޮށް ހިތާ، ގެއްލުންދޭ ފަރާތްތަކަށް ހަރުކަށި އަދަބުތައް ދިނުމަކީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެ ފިކުރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މިސްކިތްތަކަށް ގެއްލުންދޭ މީހުންނަށް ދޭ އަދަބު ހަރުކަށި ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. މި އިސްލާހަށް ތާއީދުކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ވޭތުވެދިޔަ އެމްޑީޕީގެ ދެ ވެރިކަމުގައި، ވަކިން ހާއްސަކޮށް ނިމިދިޔަ ސަރުކާރުގައި މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް އާދަޔާ ހިލާފަށް އިތުރުވެގެން ދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މިސްކިތްތަކަށް ކުޅުޖެހުމާއި، ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމުގެ ހަޑިމުޑުދާރު އަމަލުތައް މި ގައުމުގައި އާދަޔާ ހިލާފަށް ފެންމަތިވެގެންދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނުނު،“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، މިފަދަ ކަންކަން ހައްދުނެއްޓިގެން ދިޔަ ދަނޑިވަޅެއްގައި، މާލޭގެ ރައްޔިތުން މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ދިން ކަމަށެވެ. އަދި އޭރުގެ މޭޔަރު، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މިސްކިތްތަކުގައި ނިދާ، ކައިބޮއި އަދި މިސްކިތްތަކަށް ގެއްލުންދޭ ފަރާތްތައް މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކުރެއްވި ކަމެއްކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސުޖާއު ވިދާޅުވީ، އޭރު މިސްކިތްތަކަށް ގެއްލުންދޭ މީހުން ހައްޔަރުކުރި ނަމަވެސް، 24 ގަޑިއިރު ނުވަނީސް އެމީހުން ދޫކޮށްލާ ކަމަށެވެ. އަދި އެފަދަ ކޮންމެ މީހަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ލޭބަލް ކުރި ނަމަވެސް، އެމީހުން ބަލަހައްޓާނެ މަރުކަޒުތައް ރާއްޖޭގައި ހުރިކަން ޝުޖާއު ހަނދާންކޮށްދެއްވިއެވެ.
”އަޅުގަނޑުމެންނަށް އޭރުވެސް ޔަގީންވޭ މިއީ ރޭވުންތެރިކަމެއްގެ ތެރެއިން އެމްޑީޕީގެ ’ލާދީނީ‘ ސިޔާސަތުގެ ތެރެއިން ކުރަމުންދިޔަ ކަމެއްކަން. އެހެންނަމަވެސް، މިއަދު އެމްޑީޕީގެ މެންބަރަކު މިފަދަ އިސްލާހެއް ހުށަހެޅުމުން އަޅުގަނޑުމެން މަރުހަބާ ކިޔަން. އެއީ އިންސާނުންނަށް ހެޔޮ ވިސްނުން ލިބޭނެ ހާލަތްތައް އަންނާނެތީ،“ ޝުޖާއު ވިދާޅުވިއެވެ.
މި ބަހުސްގައި ޝުޖާއު ވަނީ މިސްކިތްތަކުގެ ހުރުމަތް ހިމާޔަތްކުރުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ސަރުކާރު ހިންގާ ޕާޓީން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.











