ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ މައްޗަށް ޙިރާބާގެ މައްސަލަ ބަލަންޖެހޭ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
މުސްޠަފާ މި މޭރުމުން ވިދާޅުވެފައިވަނީ އޭނާގެ އެކްސް އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މުސްޠަފާ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަކީ ޙިރާބާގެ މައްސަލަ އެބައިމީހުންގެ މައްޗަށް ބަލަންޖެހޭ ދެ މީހުންނެވެ.
މުސްޠަފާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ ދެ މީހުންގެ މައްޗަށް ބަލަންޖެހޭނީ ބާރުގެ ބޭނުންކޮށްގެން ބޮޑެތި ވައްކަންކުރުމާއި ފަސާދަ އުފެއްދުމުގެ މައްސަލަ ކަމަށެވެ. އެފަދަ މީހުންނަށް އޮތީ އަލް-މާޢިދާ ސޫރަތުގެ 33 ވަނަ އާޔަތުގައިވާ ގޮތުގެ މަތިން އަތްފައި ބުރިކުރުމާއި މަރާލުން ކަމަށާއި އެއީ މާތްﷲގެ ވަޙީ ބަސްފުޅުކަމަށް މުސްޠަފާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
https://x.com/Thimarafushi/status/2021224420337922311
މުސްޠަފާ ވިދާޅުވީ އަކްރަމް ކަމާލުއްދީން ފަދަ ”ވަގުންނަށް“ ހަމަޖެހިލައިގެން އުޅެވޭނީ ރާއްޖޭގައި އެކަނި ކަމަށާއި، އެހެން ޤައުމެއްގައި ނަމަ ހަތަރެސްފައި ކަނޑައިފަ ބަރޮލެއްގައި ގެންގޮސްފައި ޖަލަށް އެއްލާލާނެ ކަމަށެވެ.
”އިސްލާމްދީނުގައި ވައްކަމުގެ އުގޫބާތް ފަށަނީ އަތް ކެނޑުމާއި ހަމައިން، އިބޫ ސޯލިހަކީ ރައްޔިތުންގެ މާލިއްޔާ ބަނޑުއަޅައި، އާޚިރަތް ވިއްކާލައި، ދުނިޔެއަށް ދަހިވެތިވެގަތް ވަގެއް“ – މުސްޠަފާ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މުސްޠަފާ ވަނީ ކުރީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ގޯތި ދިނުމުގެ ނަމުގައި ކުރީ ސަރުކާރުން ކަނޑު ފަޅުން ގޯތި ދިންކަން ފާހަގަކުރައްވަމުން މުސްޠަފާ ވިދާޅުވީ، ކުރީ ސަރުކާރުން ބަދަލުދިނުމުގެ ނަމުގައި ވެސް ދެ ބިލިއަން ރުފިޔާ ބަހާލައިގެން ވައްކަންކޮށް، ދަޢުލަތުގެ ޚަޒާނާ ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ.













