އަންލީޝް-އޮބްސޮލިއުޓް ވޮރިއާސް 002 ގައި ވާދަކޮށް ރާއްޖޭގެ އަހުމަދު އީލާފް ނަދީމް އާއި މުހައްމަދު ސައިފްޝާން (ޗާންގ) ރަން މެޑަލް ހޯދައިފިއެވެ.
ސްރީލަންކާގައި ކުރިއަށް ދިޔަ މި މުބާރާތުގައި އީލާފް ވާދަކޮށްފައިވަނީ މުއޭ ތައި މިޑިލްވޭ 72 ކިލޯގައެވެ. މި ކެޓަގަރީގައި ވާދަކޮށް އީލާފް ރަން މެޑަލް ހޯދީ ލަންކާގެ އެތުލީޓް ޕްރަދީޕް އަބޭސިންގްހަ ބަލިކޮށްގެންނެވެ.
މި ރަން މެޑަލް އާއިއެކު އީލާފަށް ވަނީ އަންނަ ސީޒަނުގައި މި މުބާރާތުގެ ބެލްޓް ފައިޓް އިން ޖާގަ ލިބިފައެވެ.
ބެލްޓް ފައިޓްގައި އީލާފް އަންނަ ސީޒަނުގައި ވާދަކުރަން ޖެހޭނީ މި ސީޒަނުގެ ބެލްޓް ކާމިޔާބުކުރި ހުސްނީ އަހުމަދާއެވެ.
މީގެ އިތުރުން މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ސައިފްޝާން މެޑަލް ހޯދީ އެމްއެމްއޭ ކެޓަގަރީގައި ލަންކާގެ ރަޖް ވަރަނައާ ވާދަކޮށެވެ. މީގެ ކުރިން މިދިޔަ ސީޒަނުގައި ވެސް ސައިފްޝާން ވަނީ އެމްއެމްއޭ ގައި ވާދަކޮށް ރަން މެޑަލް ހޯދައިފައެވެ.
މި ކާމިޔާބީއާއެކު ސައިފްޝާން ވަނީ ކުރިއަށް އޮތް ތަނުގައި އެމްއެމްއޭގެ ބެލްޓް އިވެންޓްގައި ވާދަކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
ކޮމްބެޓް ސްޕޯޓްސް އަކީ ރާއްޖެ އަށް އައު ކުޅިވަރެއް ނަމަވެސް މި ކުޅިވަރުގެ ކޮމިއުނިޓީ އަންނަނީ މަޑު މަޑުން އިތުރުވަމުންނެވެ.
އެގޮތުން ކުޑަކުދިން އާއި ޒުވާނުންގެ މެދުގައި ކޮމްބެޓް ސްޕޯޓްސް އަންނަނީ ކުރިއަރަމުންނެވެ. މި ކުޅިވަރުން އެންމެ ފުރަތަމަ މެޑަލް އެއް ލިބުނީ 2024 ވަނަ އަހަރު ސައިފްޝާންއަށެވެ.










