އެމްޑީޕީން ވެރިކަމާ ޙަވާލުވީ ކޮންމެ ފަހަރަކު ޤައުމަށް ދީފައިވަނީ ހުސް އަނިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާޙު މި މޭރުމުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހުކުރުމަށް އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙު ވިދާޅުވީ، އެމްޑީޕީގެ 2008 ވަނަ އަހަރު އުފެދުނު ވެރިކަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޖީއެމްއާރަށް ވިއްކާލުމުން އޭގެ ބަދަލުގައި 270 މިލިއަން ޑޮލަރު ދިވެހި ދަޢުލަތުން އެ ކުންފުންޏަށް ދައްކަންޖެހުނު ކަމަށާއި ދިވެހިން މިކަންކަން ހަނދާނަށް ގެންނަންޖެހޭނެ ކަމަށެވެ.
”އޭގެ ފަހުން ވެސް ހަނދާނަށް ގެންނަވާ އެމްޑީޕީން ވެރިކަމަށް އައިސް ވެރިކަމުން ފައިބައިގެންދާ ކޮންމެ ފަހަރަކު ދިވެހިރާއްޖޭގަ ހުރި ހުރިހާ ހަރު މުދަލެއް ހުންނާނީ ވިއްކާލައިފަ. މިދިޔަ ވެރިކަމުގައި ވެރިކަމުން ފައިބައިގެން ދިޔައިރުގައި ރާއްޖޭގައި ހުރި ހުރިހާ ސްކޫޅްތަކެއް ހުރީ މޯގޭޖްކޮށްފަ. ލޯނު ނަގައިފަ. ނަގާ ލޯނު ވަންނާނީ އެ ބޭފުޅުންގެ ޖީބަށް،“ — މެންބަރު ފަލާޙު ވިދާޅުވިއެވެ.
މެންބަރު ފަލާޙު ވިދާޅުވީ އެމްޑީޕީއާއި ޕީއެންސީގެ ފިކުރު ތަފާތުވަނީ މި ސަބަބުތަކަށްޓަކައި ކަމަށެވެ. މީގެ އިތުރުން ފަލާޙު ވިދާޅުވީ އައްޑޫ ސިޓީއަކީ މާލޭ ސިޓީ ނެގުމަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ސިޓީ ކަމަށާއި އެންމެ އާބާދީ ބޮޑު އަދި އެންމެ ތަރައްޤީކުރަންޖެހޭ ސިޓީ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 15 ވަރަކަށް އަހަރު އެމްޑީޕީން އިހުމާލުވެފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްތަކަކީ އެ ބޭފުޅުންގެ ވަރަށް މުހިއްމު ދައުރެއް އެ ތަންތަން ތަރައްޤީކުރުމުގައި އޮންނަންޖެހޭ ބައެއް ނަމަވެސް އެމްޑީޕީން އަބަދު ވެސް އިސްކުރާނީ އަމިއްލަ މަޞްލަޙަތު ކަމަށާއި، އެ ޕާޓީން ދުވަހަކު ވެސް ޤައުމުގެ މަޞްލަޙަތެއް، ރަށުގެ މަޞްލަޙަތެއް އަދި ސިޓީގެ މަޞްލަޙަތެއް އިސްކޮށްފައި ނުވާ ކަމަށް ފަލާޙު ވިދާޅުވިއެވެ.











