ރައީސް މުޢިއްޒު އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އައި މަތީ ފަންތީގެ ރިސޯޓު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ އޮޕަރޭޝަނަށް ގެންނެވީ، މުހިންމު ކަމެއްގޮތުގައި ދެކިވަޑައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ކެމްޕޭން އައްޑޫ ސިޓީގައި އިފްތިތާޙު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަޢީދު ވިދާޅުވީ އައްޑޫސިޓީގެ ރައްޔިތުން އެދި ވަޑައިގެންނެވި އެންމެ މުހިންމު އެއްކަމަކީ ރައީސް ޑރ. މުޢިއްޒުވެސް އެކަމަކަށް އެންމެބޮޑު ސަމާލުކަމެއް ދެއްވި ކަންތައްކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ އެއީ އައްޑީސިޓީއަށް މުހިންމު އަދި އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި، ވީ އެންމެ އަވަހަކަށް އެކަން ވާން ޖެހޭނެކަމަށް ކެބިނެޓަށްވެސް އަންގަވާފައިކަމަށެވެ.
”އަޅުގަނޑަށް ވަރަށް ގާތުން ފެނުނުކަމެއް ޝަންގްރިއްލާ ހުޅުވުމުގެ ކަންތައް، ރައީސް އެކަމުގަ ޢަމަލު ކުރެއްވިގޮތް، ރައީސް އަޅުގަނޑުމެންގެ ކޮލީގުންނަށް، މިނިސްޓްރީ އޮފް ޓްއަރިޒަމް އަދި އިކޮނޮމިކް ކައުންސިލްގެ މެންބަރުންނަށް އަދި ކެބިނެޓަށްވެސް ދެއްވި އިރުޝާދަކީ އައްޑޫސިޓީގެ ރައްޔިތުންނަށް ޝަންގްރިއްލާ މުހިންމުވެއޭ، ރައީސްގެ ކެމްޕޭނު ތެޜޭގައި ޝަންގްރިއްލާ ހުޅުވައިދޭން އެދުނޭ، އެހެންވީމަ ތިމަން މަނިކުފާނުގެ ވަޢުދެކޭ އެއީ ރައްޔިތުންނަށްވީ، އެކަން ވާންޖެހޭނެއޭ: ސަޢީދު ވިދާޅުވިއެވެ.
ސަޢީދުގެ ވާހަކަފުޅުގައި ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ޝަންގްރިއްލާ އޮޕަރޭޝަނަށް ނުގެނެސް ދެއްކި ބަހަނާ ހަނދާން ކޮށްދެއްވާފައެވެ. މިއާއިއެކު ވިދާޅުވީ ޝަންގްރިއްލާގެ މެނޭޖްމެންޓާއި ވާހަކަ ދައްކައިގެން އެތަން މިހާރު އެވަނީ ހުޅުވިފައިކަމަށް ވިދާޅުވެފައެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ޝަންގްރިއްލާ އަލުން ހުޅުވާފައިވަނީ 30 ޑިސެމްބަރު 2025 ގައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި އެ ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޮގަސްޓް މަހު އިއުލާން ކުރުމާ ގުޅިގެން، އޭރު އެ ރިސޯޓުގައި މަސައްކަތް ކުރި 500 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ. ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.













