ވޭތުވެ ދިޔަ އަހަރު 74 މިސްކިތް ބިނާކޮށް އިތުރު ކަންކަމާއިއެކު، އިސްލާމީ ދާއިރާއިން ޖުމްލަ 90 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި މިއަހަރު މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން 2026 އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތަކާއި 7 އިސްލާމީ މަރުކަޒާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 3 ގޮތްޕަކާއި 6 ވަޤުފު އިމާރާތާއެކު ޖުމުލަ 90 މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.
މީގެ އިތުރަށް ދިއްދޫ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ނިންމާ ހުޅުވިކަމާއި އަދި ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އިތުރު މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށާއި މިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ މިސްކިތްތައް މަރާމާތުކުރުމަށް ޚަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ޚާރަދުކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.













