2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިޞްރާބު އައު ހަރުފަތަކަށް ގެންގޮސްދިން، އުންމީދީ ބަޔާނެކެވެ. ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ބަޔާން އިއްވަވައިދެއްވިއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ބޮޑު ގޮންޖެހުމުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ ހަރުދަނާ ސިޔާސަތުތަކަށެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެއްވި އެއް ކަމަކީ، މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 150 މިލިއަން ޑޮލަރުގެ ސުކޫކުގެ މައްސަލައަށެވެ. ރައީސް ވިދާޅުވީ، މި ފައިސާ ދެއްކުމަށް ސަރުކާރުން ރާވާފައިވަނީ ސޮވޮރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކޮށްފައިވާ ބޭރު ފައިސާއިން ކަމަށެވެ. އަދި މި ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު، ބާކީވާ މިންވަރު ރީފައިނޭންސް ކުރުމަށް ނިންމާފައިވާއިރު، ސަރުކާރުން މިހާތަނަށް ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓު 9 އިންސައްތައަށްވުރެ ބޮޑު ނުވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މިއީ ދަރަނި މެނޭޖުކުރުމުގައި ސަރުކާރުން ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ.
”މާތްﷲގެ އިރާދަފުޅުން މި އަހަރުގެ އޭޕްރީލްމަހު ހަމަވާ ސްކޫކު އަދާކުރާނީ ދަރަނީގެ ދެމެހެއްޓެނިވިކަން ހާސިލްވާނެހެން، ދަރަނި އަދާކުރުމުގެ ބުރަ ކުޑަވާނެ ގޮތަށް، ފިޒިކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަވާނެ ގޮތުގެ މަތިން“ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ އޭޕްރީލްމަހު ހަމަވާ ސްކޫކު އަދާކުރާނީ ދަރަނީގެ ދެމެހެއްޓެނިވިކަން ހާސިލްވާނެހެން، ދަރަނި އަދާކުރުމުގެ ބުރަ ކުޑަވާނެ ގޮތަށް، ފިޒިކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަވާނެ ގޮތުގެ މަތިން ކަމަށެވެ.
ޤައުމުގެ މާލީ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 38 ބިލިއަން ރުފިޔާ ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ޓެކުހުގެ އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ އަންދާޒާއަކީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބުމެވެ.
އިޤްތިޞާދީ ދާއިރާއިން ލިބުނު އަނެއް ކުރިއެރުމަކީ ބޭރު ފައިސާގެ އާމްދަނީއަށް އައި ހެޔޮ ބަދަލެވެ. އެގޮތުން ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ ސަބަބުން އެސްޑީއެފްއަށް ޖަމާކުރާ ޑޮލަރުގެ މިންވަރު އިތުރުވެ، ދައުލަތުގެ ރަސްމީ ރިޒާވް މިހާރު ހުރީ 1.1 ބިލިއަން ޑޮލަރުގައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އުފުލިގެން ދިޔަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
”މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ފާއިތުވި ސަރުކާރުތަކުން ދިވެހި ރައްޔިތުންނަށް ވާރުތަކޮށްފައިވާ ބުރަ ބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް، އެކަމަށް ތަސައްލީއެއް ހޯދާ، މާލީގޮތުން ދިވެހި ޤައުމަށް އަދަށްވުރެ ފަހި އަދި ފާގަތި ނަތީޖާއެއް ހޯދާދިނުމަށް،“ރައީސް ވިދާޅުވިއެވެ.
ޚާރިޖީ ގުޅުންތަކުގެ ތެރެއިން ދަރަނި މެނޭޖުކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތައް، ދައުލަތުގެ މާލިއްޔަތަށް ބުރަ ނުވާނެ ގޮތަށް ރީފައިނޭންސް ކުރުމަށް އެޤައުމުން އެއްބަސްވެފައިވާ ކަމަށެވެ. ހަމައެއާއެކު، އިންޑިއާއިން ދީފައިވާ ސްވޮޕް ފެސިލިޓީގައި ކުރިން އޮތް އައިއެމްއެފްގެ ޕްރޮގްރާމަކަށް ދިއުމުގެ ޝަރުތު އުނިކޮށް، އެ ފެސިލިޓީ ރޯލްއޯވާ ކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިދިޔަ ސަރުކާރުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްއިން ނެގި ބޮންޑު ރޯލްއޯވާކޮށް، މެޗުއަރިޓީގެ މުއްދަތު 5 އަހަރަށް އިތުރުކޮށްދިނުމަށް އެއްބަސްވެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތްކުރައްވައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ދަރަނީގެ ބޮޑު ދަންތުރައިން ސަލާމަތްވެ، އިޤްތިޞާދީ ގޮތުން ފުދުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ވުމަށް ކަމަށެވެ. ސަރުކާރުގެ މި ހަރުދަނާ ފިޔަވަޅުތަކާއެކު ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް އޮތްކަމުގެ ޔަޤީންކަން ރައީސްގެ ބަޔާނުން ލިބިގެންދިޔައެވެ.




