ގަޞްދުގައި ދޮގު ފެތުރުމުގެ ސަބަބުން ހަޤީޤަތް ގެއްލި، ޑިޖިޓަލް ސްޕޭސްތަކަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މި މޭރުމުން ވިދާޅުވީ އޭއައި ޖެނެރޭޓެޑް ފޮޓޯއަކާ ގުޅުވައި މިނިސްޓަރުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުން އަންނަ ދަނޑިވަޅެއްގައި، އެކަމަށް ރައްދުދެއްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ”އަލީ އާނިމް“ ގެ ނަމުގައި ހިންގަމުން އައި އެކްސް އެކައުންޓަކުން ޕޯސްޓުކޮށްފައިވާ އޭއައި ޖެނެރޭޓެޑް އެ ފޮޓޯއިން ފެންނަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ޖެފްރީ އެޕްސްޓީންގެ އިތުރުން މިނިސްޓަރު އިޙުސާން ފޮޓޯއަކަށް ހުއްޓިލައިގެން ހުންނަ މަންޒަރެވެ.
This photograph, originally posted on my Facebook on 25 January 2013, is an authentic image from my time completing the Basic Officer Course at the United States Marine Corps Base Quantico.
Pictured with me are the then-Ambassador of the Maldives to the United States and the… pic.twitter.com/bEIzQlJtD6
— Minister of Homeland Security & Technology (@min_mohst) February 3, 2026
މިނިސްޓަރު ވިދާޅުވީ، ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުން ގެންދަނީ އޭއައި ޖެނެރޭޓެޑް ފޭކު ފޮޓޯއެއް ކަމަށާއި، އޭގެ އަޞްލު ފޮޓޯއަކީ 25 ޖަނަވަރީ 2013 ވަނަ ދުވަހު މިނިސްޓަރުގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ޕޯސްޓުކޮށްފައިވާނެ ކަމަށެވެ. އޭގެ އަޞްލު ފޮޓޯއަކީ އެމެރިކާގެ މެރިން ކޯޕްސް ބޭސް ކުއަންޓިކޯގައި ބޭސިކް އޮފިސަރ ކޯސް ފުރިހަމަ ކުރަމުން ދިޔަ ދުވަސްވަރުގެ ފޮޓޯއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ފޮޓޯގައި މިނިސްޓަރުގެ އަރިހުގައި، އޭރުގެ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ފަސްޓް ސެކްރެޓަރީ ބައިވެރިވެވަޑައިގެންފައިވެއެވެ.
”މި ފޮޓޯ ސޯޝަލް މީޑިއާގައި ފަތުރަން އޭއައި ޓެކްނޮލޮޖީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަން އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ގަޞްދުގައި ދޮގު ފެތުރުމުގެ ސަބަބުން ހަޤީޤަތް ގެއްލި، ޑިޖިޓަލް ސްޕޭސްތަކަށް އޮންނަ އިތުބާރު ގެއްލިގެންދޭ،“ — މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޖެފްރީ އެޕްސްޓީންއާއި ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ އީމެއިލްތަކެއް މި ފަހުން ވަނީ ލީކުވެފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ސެޕެޝަލް އެންވޯއީގެ މަޤާމުން އޭނާ ވަނީ އަމިއްލައަށް އިސްތިޢުފާވެސް ދެއްވައިފައެވެ. އެ މުޢާމަލާތްތަކުން އެނގޭ ގޮތުގައި ވަޙީދާއި އެޕްސްޓީންގެ ގުޅުން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުކޮށް، ޖަލަށްލައި އެތައް މަހެއް ވަންދެން ބަންދުގައި ހުރުމަށް ފަހު ދޫކޮށްލި ފަހުން ބޭއްވި ގުޅުމެކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ވެސް ޖިންސީ އެތައް ކުށެއްގެ މައްސަލައިގައި ޖަލަށް ލާފައި ވަނިކޮށް މަރުވި އެޕްސްޓީންއާ ގުޅޭ ކަންކަން ޢާންމުންގެ ސަމާލުކަމަށް މި ފަހަރު އައީ އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު ޢާންމު ކުރުމުންނެވެ.












