އިންޑިއާއިން އެ ގައުމަށް ބޭނުންވާ ތެޔޮ ދެން ގަންނާނީ ވެނެޒުއޭލާއިން ކަމަށާއި، އިރާނުގެ ތެޔޮ ނުގަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، އިންޑިއާއިން ވެނެޒުއޭލާގެ ތެޔޮ ގަތުމަށް ހަދަންޖެހޭ ޑީލްގެ އޮނިގަނޑަށް އެއްބަސްވެވިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާއިން އަންނަނީ އިންޑިއާއިން ތެޔޮ ގަތުމަށް އިރާން އަދި ރަޝިޔާއަށް ބަރޯސާވަމުން އަންނަ އައުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެނެޒުއޭލާގެ ތެޔޮ އިންޑިއާއަށް ގަނެވޭނެ ގޮތަށް މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިއާއިން އިރާންގެ އަތުން އެހާ ގިނަ އަދަދެއްގެ ތެޔޮ ނުގަންނަ ކަމަށާއި ނަމަވެސް ރަޝިޔާއިން ގިނަ އަދަދަކަށް ތެޔޮ ގަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މީގެކުރިން ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އެކަމުގައި އިންޑިއާއަށް އިންޒާރު ދީފަ އެވެ. އަދި ރަޝިޔާގެ ތެޔޮ ގަންނަނަމަ އިންޑިއާގެ މުދަލުން އިތުރު 25% ގެ ޓެރިފް ނަގާނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެވެ.
ޓްރަމްޕް އެންމެ ފަހުން ނިންމާފައި އޮތީ އިންޑިއާގެ މުދަލުން ޖުމުލަ 50% ގެ ޓެރިފް ނެގުމަށެވެ. ނަމަވެސް ރަޝިޔާއިން ތެޔޮ ގަތުން މަދުކޮށް، އެމެރިކާއިން ބޭނުންވާގޮތަށް ވެނެޒުއޭލާގެ ތެޔޮ ގަންނަނަމަ، ޓެރިފްގެ ޕަސެންޓެޖް 25% އިން މަދުކުރުމަކީ ވުން ގާތްކަމެއް ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ބުނެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެމެރިކާއިން މިފަހުން ވަނީ ވެނެޒުއޭލާގެ ރައީސްގެ މަގާމުގައި ހުރި ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، އެމެރިކާގެ ޖަލެއްގައި ބަންދުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ޖިނާއީ ދައުވާ ކޮށްފަ އެވެ. މަދޫރޯ ހައްޔަރުކުރުމުން އެ ގައުމުގެ ނައިބު ރައީސް ވެރިކަމާ ހަވާލުވިއިރު، އެމެރިކާގެ ކުންފުނިތަކަށް ވެނެޒުއާލާގައި ތެލުގެ ވިޔަފާރި ކުރުމުގެ ހުއްދަ ނުދީފިނަމަ، ވެނެޒުއޭލާ ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތައް ހައްޔަރުކުރާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދީފަ އެވެ. އޭގެ ފަހުން ވެނެޒުއޭލާގެ ތެލުގެ ކަންކަން އެމެރިކާގެ ކުންފުނިތަކުން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މަދޫރޯ ހައްޔަރުކޮށް އެމެރިކާއިން ކޮށްފައިވާ ކަންކަމަކީ ވެނެޒުއޭލާގެ ތެޔޮ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.











