މާލޭގައި ޤަވައިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބިދޭސީން އަތުލައިގަނެފައިވަނީ އިއްޔެ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ކަމަށެވެ. އަދި މިތަން ފާހަގަކުރެވުމާއެކު އެތަނުގައި ކުރަމުންދިޔަ މަސައްކަތްތައް ވަގުތުން ހުއްޓުވާފައިވާ ކަމަށެވެ. މީގެ އިތުރުން، ދެވަނައަށް ބަލައި ފާސްކުރި ތަނުގައި ޤަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަން ފާހަގަކުރެވުމުގެ ސަބަބުން އެތަނުގެ މަސައްކަތްތައްވެސް ހުއްޓުވާފައިވާ ކަމަށެވެ.
މި ދެ އިންސްޕެކްޝަނަށްފަހު، ޤަވައިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީ ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކްފޯސްއިން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ ރެއިޑުގައި، ފީރޯޒު މަގު އަދި ކެނެރީ މަގުގައި ހުންނަ އެކަމަޑޭޝަން 2 ބްލޮކެއް ވަނީ ބަލައި ފާސްކޮށްފައި. pic.twitter.com/S2uxXtcx7Z
— Maldives Immigration (@ImmigrationMV) January 29, 2026
ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ އިޖްތިމާޢީ އަދި އިޤްތިސާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ހައްލެއް ގެނައުމަށް ބިދޭސީންގެ މައުލޫމާތު އެއްކޮށް ޤަވާއިދާ ހިލާފަށް އުޅޭ އަދި ޤަވާއިދާ ހިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ބިދޭސީންގެ މަޢުލޫމަތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެލައްކަ ދެހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.














