މިސަރުކާރަށް ކަމެއް ނުވާކަމަށް، ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އެމްޑީކަމުގަ ހުންނެވި މޫސާ ޢަލިމަނިކު (މޫކޭ) ބުނެފިއެވެ.
މޫކޭ މިހެން ބުނިއިރު އޭނާ އާރުޑީސީގެ އެމްޑީކަމުގައި ކުންފުނީގެ ތިޖޫރީ 3 ފަހަރެއްގެ މަތިން ވަގަށްނެގި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އަމީނީމަގު ހެދުމުގެ ބޮޑު މަޝްރޫޢެއް އާރުޑީސީއާ ހަވާލުކުރީ 7 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ. ނަމަވެސް އެމްޓީސީސީގެ އެހީތެރިކަމާއެކުވެސް ވެރިކަން ނިމުނުއިރު، އަމީނީ މަގުގެ މަސައްކަތް ނުނިމެއެވެ.
އިންތިޤާލީ މަރުޙަލާގައި އަވަސް އަރުވާލާފައި ފެންވަރުދަށްކޮށް މަސައްކަތްކުރިއަށް ގެންދިއުމުގެ ނަތީޖާއަކަށްވީ އާ ސަރުކާރަށް އަހަރެއްވީއިރު 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި ޒަމާނީ އަމީނީ މަގު ގިރިގެން ދިއުމެވެ.
މިކަންކަން މިހެންއޮތުމުން އަދިވެސް އެ ފާޑުކިޔުން މޫކޭ އަށް އަމާޒުވަމުންދިޔަ ނަމަވެސް މޫކޭ ވަނީ މި ސަރުކާރުން އަމިއްލައަށް ފަށައިގެން ނިންމުނު އެއްވެސް ކަމެއް ދައުރު ދެބައިވީއިރު ދެއްކޭން އެބައޮތްތޯ ސުވާލު އުފައްދާފައެވެ. މޫކޭ މިފަދައިން ޕޯސްޓު ކުރުމާއިއެކު ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި ހަނދާންކޮށްދިނީ އޭނާގެ އެމްޑީކަމުގައި ނުނިމުނު ޒަމާނީ އަމީނީ އާއި އެއްކަލަ ތިޖޫރީގެ ވާހަކައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މޫކޭ ބުނީ މިސަރުކާރަށް މުޅީންވެސް އޮތީ ބާރު ސްޕީޑްގައި ކޮވެލި ބިސްއަޅާފަ ކުރެޑިޓް ނެގުންކަމަށާއި، ސަރުކާރަށް އިތުރު ގޮނޑިއެއް ދޭކަށް ރައްޔިތުން ނޭދޭ ކަމަށެވެ. އެހެންނަމަވެސް ފެންނަމުންދާ މަންޒަރުތައް ތަފާތެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރު (ޕީޕީއެމް) އިން ފެށި ކަންކަމާއި، އެމްޑީޕީގެ 5 އަހަރު ފެށި އަދި ނުނިމުނު މަޝްރޫޢުތަކުގެ އިތުރަށް މުޅިން އާ މަޝްރޫޢުތައްފެށި، ބާރު ސްޕީޑުގައި ނިމެމުންދާތަން އެބަފެނެއެވެ. އަދި ހަމަ އެހެންމެ އެފަދަ ކޮންމެ ކަމެއްގެ ކްރެޑިޓް އެމްޑީޕީން ނެގުމަށް އެކްޓިވިސްޓުން ލަައްވާ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މިސަރުކާރަށް ކަމެއް ނުވާކަމަށް ބުނެ މޫކޭ ސަރުކާރަށް ފާޑުކީނަމަވެސް އޭނާގެ އެމްޑީކަމުގައި މާލެ ސިޓީ ކައުންސިލުން އަމީނީ މަގުގެ މަސައްކަތް ވަކިކޮށް ޕްލޭނިން މިނިސްޓްރީގެ ދަށަށް މަސައްކަތް ގެންގޮސް، އަގު އެތައް ގުނަޔަކަށް ބޮޑުކޮށް މަސައްކަތް އާރުޑީސީއާ ހަވާލުކުރުމުން ނަތީޖާ ނުނެރެވި ބޮޑު އިހުމާލެއްވެފައިކަން އަމީނީމަގަށް ބަލާލުމުން ސާފުވެއެވެ. މިކަންކަން އަދި ރައްޔިތުން ހަނދާނެއް ނުނެތޭކަން ކޮމެންޓްތަކުން ސާފުވެއެވެ. މިވަރުގެ ބޭފުޅަކު މިއަދު ސަރުކާރަށް ކަމެއްނުވާކަމަށް ބުނުމުން އާންމުން ވަނީ މޫކޭއަށް ފާޑުކިޔާފައެވެ.













