ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި ހިނގާ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާލެ، (ހމ. ސިފްކޯހިޔާ ) އިބްރާހީމް ޢަމްރު ތައުފީޤު (22އ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ގާތްގަނޑަކަށް 500 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަމްރު ތައުފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.













