ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 2ވަނަ ޖީޕީ ކްލިނިކުގެ ޚިދުމަތް އަންނަ މާޗްމަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.
މަޢުލޫމާތުލިބޭ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖީޕީ ކްލިނިކްގެ ޚިދުމަތް ޤާއިމްކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރެއްގައެވެ.
މި މަސައްކަތާެި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމަތު ހިއްސާކުރަމުން ހުޅުމާލެ ހޮސްޕިޓަލުން ބުނީ ޖީޕީ ކްލިނިކްގެ ޚިދުމަތް ދިނުމަށްޓަކައި ސެޓަޕް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓަށް މީހުން ބަދަލުވާއިރު އެސަރަޙައްދުން ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެއެވެ. އެހެންކަމުން އަންނަ މާޗު މަހުގެ ތެރޭގައި ހިދުމަތްތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ޖީޕީ ކްލިނިކް ގާއިމްކުރުމަށް އެފްޑީސީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ކޮމާޝަލް ޔުނިޓް ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގައެވެ.
މި ކްލިނިކްއިން އާއްމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމާއި ސާމްޕަލް ނެގުމާއި އެކްސްރޭ ނެގުމުގެ ޚިދުމަތްލިބިގެންދާއިރު، އޭގެ އިތުރުން ޚާއްޞަ ޚިދުމަތްތަކުން ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ނަމަ އެ ކްލިނިކުން ރިފަރަލް ހަދައިދޭނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ދަނީ ހިންގަމުންނެވެ. ހިޔާ ޓަވަރު 16ގައި ހިންގާ އެ ކުލިނިކުން 24 ގަޑިއިރަށް ޚިދުމަތް ދޭން ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މީގެކުރިން ހުޅުމާލެ އަކީ އަޅާނުލެވި ދޫކޮށްލެވިފައި އޮތް ތަނެއްނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ހުޅުމާލެއަށް މުޅިން އައު ދިރުމެއް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު މިދިޔަ އަހަރުގައި ހުޅުމާލޭގައި ވަނީ ހުޅުވާފައެވެ. މާލެ ސަރަޙައްދުގެ އިތުރަށް އަތޮޅުތެރޭގައިވެސް އެފަދަ ސެންޓަރުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ސަރުކާރުން ބުނެއެވެ.












