ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު ސަރުކާރުގެ 219 އެއްހައި ސްކޫލްގައި 77،000 އަށްވުރެ ގިނަ ދަރިވަރުން މި އަހަރު ތަޢުލީމް ހާޞިލްކުރާނެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ގްރޭޑް އެކަކަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވައްދާފައިވާއިރު ގްރޭޑް އެކަކަށް ވަނުމަށްޓަކައި 4،790 ދަރިވަރުންނަށް އެކި ސްކޫލްތަކުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޖާގަ ދީފައެވެ.
މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ 1،748 ދަރިވަރަކަށް، އަދި އަތޮޅުތަކުގެ ސްކޫލްތަކުން 3،042 ދަރިވަރަކަށް ގްރޭޑް އެކަކަށް ވަނުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޖާގަ ދީފައެވެ. އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް މި އަހަރު 1،530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވާއިރު، މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވުމަށް އެދިފައިވެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ދަރިވަރުންނަށް އުނގަންނައިދިނުމަށް ސަރުކާރުގެ ސްކޫލްތަކުގައި 10،500 ޓީޗަރުން ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 8،000 ދިވެހި ޓީޗަރުންނާއި 2،500 ބިދޭސީ ޓީޗަރުންނެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދުރާލާ ތައްޔާރުވާން ފަށައިފައެވެ. ވަކިން ޚާއްޞަކޮށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފަށައި އެ މަސައްކަތް ވެސް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ނިންމާލައިފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކުރުމުގެ މަސައްކަތާއި، ސްކޫލްތަކުގެ އާބާތުރަ ފިލުވުމުގެ ގިނަ މަސައްކަތްތަކެއް ވެސް ވަނީ ކޮށްފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މިއަދަކީ ހަ އަހަރުގެ ދިގު މުއްދަތަކަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފެށި އަހަރެވެ.












