މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ހައިވޭގެ ޓްރެފިކް ލައިންތައް އައު ކުރުމުގެ މަސައްކަތް މިރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި މަސައްކަތް ކުރިއަށްދާނީ މަސައްކަތް ނިމެންދެން ކޮންމެ ރެއަކު 12:00 އިން ހެނދުނު 06:00 އާއި ހަމައަށް ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އެޗްޑީސީއަކީ ހައިވޭ ބަލަހައްޓައި މަރާމާތުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކޯޕަރޭޝަނެވެ.
ހައިވޭގެ ޓްރެފިކް ލައިންތައް އައު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ ކޯން ޖަހައިގެން ނަމަވެސް، މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ހައިވޭ ބަންދު ނުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ހައިވޭ ބޭނުންކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ހައިވޭގައި ކުރަހާފައި ހުރި ގިނަ ޓްރެފިކް ލައިންތައް ވަރަށް ބޮޑަށް ފޮހެވިފައިވާއިރު ބައެއް ސަރަޙައްދުތަކުގައި ދެ ލޭން ވަކި ކުރަން ކުރަހާފައި ހުންނަ ލައިން އެއްގޮތަކަށް ފެންނާކަށްވެސް ނެތެވެ. ހައިވޭގެ ޓްރެފިކް ލައިންތަކުގެ އިތުރުން ހައިވޭގެ ރެއިލިން ދަގަނޑުތައް ވެސް ދަބަރުޖެހުމުގެ ސަބަބުން މިހާރު ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.













