އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އުޅެނީ ވަރަށް ބިޒީ ދިރިއުޅުމެއްގައެވެ. ބައެއް މީހުން ކިޔެވުމުގައެވެ. އަނެއް ބަޔަކު ވަޒީފާގައެވެ. އަދި ވީހާވެސް އަވަހަކަށް އަމިއްލަ ދިރިއުޅުމެއް ބިނާކޮށް ”ސެޓްލް“ ވުމުގެ ފޮނި ހުވަފެންތަކުގައި އުޅޭ މީހުން ވެސް އެހާމެ ގިނައެވެ. މި ހުރިހާ ކަމަކީވެސް ދިރިއުޅުމުގެ ބޭނުމަކަށްޓަކައި ކުރަންޖެހޭ، އިސްލާމްދީން ބާރުއަޅާ މުހިންމު ކަންކަމެވެ. ނަމަވެސް، މި ހަލަބޮލި ދިރިއުޅުމުގެ ތެރެއިން އަހަރެމެންނަށް ހަނދާން ނެތެނީ އެންމެ އެއްޗެކެވެ. އެއީ ކޮންމެ ވަގުތަކުވެސް އަތުވެދާނެ ”މެހެމާނާ“ އެވެ.
ދުނިޔަވީ ކާމިޔާބީއާއި އާޚިރަތް
އަޅުގަނޑުމެން މުސްތަޤްބަލު އުޖާލާކުރުމަށް ޓަކައި، ކުރިން ބުނެވިދިޔަ ކަންކަމުގެ އިތުރުން ހެޔޮލަފާ ، ރަނގަޅު ޞިއްޙަތެއްގައި ތިބި ދަރީންތަކެއް ހޯދައި އެކުދިންނަށް ދުޅަހެޔޮ ތަޢުލީމަކާއި ތަރުބިއްޔަތެއް ހޯދައިދޭން ކުރާ މަސައްކަތަކީ ދީނީގޮތުން ވެސް ވަރަށް ބޮޑު އަޖުރެއް ލިބޭނެ ކަންކަމެވެ. އެހެނީ، އަމިއްލަ ފައިމައްޗަށް ތެދުވެ، ޢާއިލާގެ މެންބަރުންގެ އަނގައަށް ލަވައިދޭ ބަތް ސުވަލަކީ ވެސް އަޅުކަމެއްގެ ގޮތުގައި ހިމެނިގެންދާ ކަމެކެވެ. ނަމަވެސް، މައްސަލައަކަށް ވަނީ ދުނިޔެ ބިނާކުރުމުގައި މަޝްޣޫލުވެ، އަސްލު މަންޒިލް (އާޚިރަތް) ހަނދާން ނެތުމެވެ. އެ ދަތުރަށް އަރަންވަގުތު ޖެހިއްޖެ ކަމާއި، އަތުގައި ހުރި ހުރިހާ އެއްޗެއް ބަހައްޓާފައި ކަފުނަށް އެރެންވީ ކަމުގެ އަމުރުފުޅު ހިއްޕަފައިގެން ވަޑައިގެން އަޅުގަނޑުމެންގެ ޙަޔާތުގައި އަތްޕުޅު އަޅުއްވާ މަލާއިކަތާގެ މަތިން މުޅިންގެ ހަނދާން ނެތިފައި ތިބޭ ތިބުމެވެ.
ކުރިމަތީ… އެހެނަސް ނުފެންނަނީބާ؟
ކޮންމެ ދުވަހަކު ހެން މީސްމީޑިއާ އާއި އެނޫން ވެސް ގޮތްގޮތުން ފެންނަމުން ދަނީ، ދަންނަ ނުދަންނަ އެތަނެއް ކުއްލިއަކަށް ވަކިވެގެން ދާ ތަނެވެ. ގެއިން ބޭރުގައި އުޅެފައި ގެއަށް އައިސް ފެންވަރައިގެން ފޯނު ހުޅުވާލާތަނުން ވެސް އެކުގައި ކުޅެން ހުރި އެކުވެރިޔާ ނިޔާވެއްޖެ ކަމުގެ މެސެޖް ވައިބަރުން ލިބިފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ؟ ނުވަތަ، އޮފީސް ނިންމާލަމުން ”ހައި“ ޖަހާލާފައި، ގެއަށް ދަނީ ކަމުގައި ބުނެ ވަކިވެލި ކިތައްކިތައް އެކުވެރިންތޯ، ޖަނާޒާއިން ދެން ބައްދަލުކުރަން ޖެހިފައިވީ؟
މިފަދަ އެތައް ޙާދިޘާއެއް އަޅުގަނޑުމެންނާ ކޮންމެ ދުވަހަކު ބައްދަލުވެ، އަޑުއިވި، ލޯމަތިން ފެންނަމުން ދާއިރު، މިއިން އެއްވެސް ކަމަކީ ޙަޔާތަށް ހެޔޮ ބަދަލެއް ގެންނަން މެދުވެރިވާ ސަބަބެއް ކަމުގައި ނުވާ އެތައް ބަޔަކު އުޅޭކަމީ ފިކުރުކޮށްލަން އެކަހެރިވެލާ މީހެއްގެ ބުއްދިން ކިހިނެއް ތިލަފަތް ހަމަކުރެވޭނެ ކަންކަންބާ؟
މިހުރިހާ ސުވާލެއްގެ ޖަވާބު މާތް ﷲ ވަނީ ވަރަށް ތިލަކޮށް، އެންމެ އާދައިގެ މީހާއަށް ވެސް ވިސްނޭނޭހެން ކީރިތި ޤުރްއާނުގައި ބަޔާންކޮށް ދެއްވާފައެވެ.
މާތްﷲ ވަހީކުރައްވާފައިވެއެވެ:
﴿يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ﴾ (سورة فاطر : 5)
މާނައީ: އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި اللَّه އާމެދު شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!
ތެދެކެވެ. ދުނިޔޭގެ ޙަޔާތުގެ ލައްޒަތާއި ކެހިވެރި ރިވެތިކަމުގެ މަޅީގައި އަޅުގަނޑުމެން ޖެހި، އާޚިރަތުގެ މަތިން ހަނދާން ނެތެނީއެވެ. އަދި މި ވަގުތީ ޙަޔާތުގެ ފަހައި ދުވުމުގައި މުޅި ޢުމުރު ހޭދަކޮށްލެވެނީއެވެ. އޭގެ ފަހުން އަންނާން އޮތް ޙަޔާތާ މެދު ފިކުރު ނުކުރެވެނީއެވެ.
ކުއްލި މަރު: އެންމެންނަށް އޮތް ފިލާވަޅެއް
ޒުވާން ޢުމުރުގައި ކިޔަވައި ނިމި، ވަޒީފާގެ އެންމެ އުހަށް ދާން އުންމީދު ކުރަމުންދަނިކޮށް، ނުވަތަ ކައިވެނިކޮށް ދިރިއުޅުމެއް ފަށަން ތައްޔާރުވަނިކޮށް، ކުއްލިއަކަށް މަރުގެ މަލާއިކަތާ ވަޑައިގެން ބައްދަލުކުރުމަކީ ދުނިޔެ ފެށުނީއްސުރެ މިއަދާ ހަމައަށް ތަކުރާރުވަމުން އަންނަ ސިލްސިލާ މަންޒަރެކެވެ. ނަމަވެސް، މި ޒަމާނުގައި މިކަން އިހުނަށް ވުރެ މާ ބޮޑަށް އިތުރުވެގެން ގޮސްފައިވާކަމީ، އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ. މިއީ ޤިޔާމަތް ކައިރިވުމުގެ ނިޝާނެއްގެ އިތުރުން، އަހަރެމެންގެ ”ޕްލޭންތަކަށް“ ވުރެ މާތްﷲ ގެ ”ކަނޑައެޅުއްވުން“ މާ ގާތްކަން އަންގައިދޭ ކަމެކެވެ.
ކައު އިތުރު ރަސޫލާ (ﷺ) ޙަދީޘްކުރައްވާފައިވެއެވެ:
”من اقتراب الساعة …، وأن يظهر موت الفجأة ”.
މާނައީ: ”ޤިޔާމަތް ކައިރިވުމުގެ ނިޝާންތަކުގެ ތެރެއިން… ކުއްލި މަރު ފާޅުވުން (އެބަހީ: ގިނަވުން) ހިމެނެއެވެ.“ (ޞަޙީޙުލްޖާމިޢް)
އިޞްލާޙުވުމަށް ނަޞޭޙަތެއް
ނިޔަތް އިޞްލާޙުކުރުން: ކިޔެވުމާއި، ކައިވެންޏާއި، ވަޒީފާ އަދާކުރުމަކީ މާތްﷲ ގެ ރުއްސެވުން ލިބޭ ކަންކަން ކަމުގައި ހެދުމަށް ނިޔަތްގަތުން.
ވާޖިބުތައް އަދާކުރުން: އެންމެ މުހިންމީ ފުރިހަމަ ކުރަންޖެހޭ ޖެހޭ ވާޖިބުތައް އަދާކުރުން ކަމުގައި ހެދުން.
މީހަކަށް ޙައްޤުން ކަމަކާ ނުލައި އަނިޔާއެއް ނުކުރުން: މަރު އައިސް ބައްދަލުކުރާއިރު، މީސްތަކުންގެ ޙައްޤުތަކުން ސަލާމަތްވެފައިވާ މީހަކަށްވެވޭނީ އަނެކުންނަށް އަދާކުރަން ޖެހޭ އެއްވެސް ބާވަތެއްގެ ޙައްޤެއް ތިމާގެ އަތުގައި ނެތިއްޔާކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން ދިރިއުޅުން.
ނިންމާލަމުން ދަންނަވާނީ، މުސްތަޤްބަލު އުޖާލާކުރަން ޙަލާލު ގޮތުގައި މަސައްކަތް ކުރާށެވެ. ބޮޑު މުސާރަ ހޯދައި، ރީތި އަރާމު ދިރިއުޅުމެއް ބިނާކުރަން ވެސް ބުރަ މަސައްކަތް އުޅޭށެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ކުރުމުގައި އުޅޭ އިރުވެސް ނޭފަތުކުރީގައި ”މަރު“ ބައިންދައިގެން އުޅޭށެވެ.










