ފުރަތަމަ ފަހަރަށް ސާފް އިން ކުރިއަށް ގެންދިޔަ ”ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026″ގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފިއެވެ.
ތައިލެންޑުގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދާފައިވަނީ ކުޅުނު ފަސް ވަނަ މެޗުގައި ބޫޓާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދާފައިވަނީ ކުރިއަށް އެއް މެޗު އޮއްވައެވެ. ބޫޓާންގެ މައްޗަށް ރާއްޖޭން ކުރި ހޯދުމާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން ހޯދި 15 ޕޮއިންޓާއެކު ރާއްޖޭން މިވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
ބެންކޮކްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-1ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ބޫޓާންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ޑިފެންސިވް ކުޅުމެކެވެ.
ރާއްޖޭން މެޗު ފެށިގޮތަށް ބޫޓާންގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް ބޫޓާނުން ވަނީ ރޭވުންތެރިކަމާއެކު ރާއްޖޭގެ ހަމަލާތައް ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތް ނުވެފައިވަނިކޮށް ބޫޓާނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ.
ކައުންޓަރ އެޓޭކެއްގައި ބޫޓާާންއަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފާ ރާއްޖޭ ގޯލު ހުޅުވާލީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން އަށް ،މިނެޓަށް ވެފައިވަނިކޮށެވެ.
ބޫޓާނުން ލަނޑު ޖެހުމާއެކު އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރި ނަމަވެސް ރާއްޖޭން ދިޔައީ ހުއްޓުމެއްނެތި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ހުސެއިން ޝަރީފް (އޮންލީ) ދިން ޕާހަކުން ރާއްޖެއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ އަބްދުﷲ ޖުނެއިދު (ޖެންނެ)އެވެ.
މިއާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-1ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުގައި އޮވެގެންނެވެ.
ދެ ޓީމު އެއްވަރުގައި އޮވެ މެޗުގެ ދެވަނަ ހާފު ފެށި ނަމަވެސް މެޗުގެ ދެވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ރާއްޖޭން ވަނީ ލަނޑެއްޖަހާ މެޗުގެ ލީޑު ނަގާފައެވެ. ފުރަތަަމަ ފަހަރަށް މި މެޗުގައި ރާއްޖެއަށް ލީޑު ނަގައިދީފައިވަނީ ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ހަމީދުއެވެ.
މި ލަނޑަށްފަހުވެސް ރާއްޖެއިން ވަނީ އެޓޭކިން ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
ފުލުފުލުގައި ރާއްޖޭން ހަމަލާތައް އުފައްދަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ވަނީ ރާއްޖޭގެ ތިން ވަނަ ލަނޑު ޖަހައިދީފައެވެ.
މި ނަތީޖާ އާއެކު ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވެގެން ދަނީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް ހޯދި 15 ޕޮއިންޓާއެކު އެއް މެޗު ކުރިއަށް އޮއްވައެވެ.
މި މުބާރާތުގެ ފަހު މެޗުގައި ރާއްޖޭން މި މަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ.












