ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފަރާތުން މާލެސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ޔާމީނުގެ ހިތުގަ އޮތް ހަސަދަ ބާލާލައިފިއެވެ.
ޔާމީނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މޫސާ ޖަލީލަކީ ޤާބިލު ބޭފުޅެއްކަމަށް ޚުދު ޔާމީނުވެސް އެއްބަސްވެއެެވެ. އެހެންނަމަވެސް ފެނިގެން ދިޔައީ ޔާމީނު ނޫން ބޭފުޅަކާއެކު ނުކުންނެވުމުން އޮތް ހަސަދައާއި ނަފްރަތެވެ. ޔާމީނަކީ އަބަދުވެސް އެމަނިކުފާނުގެ އަރިހުގައި ހުންނައިރު ދުނބުރިއެއްވިޔަސް އެއީ އަނބެއް ކަމުގައި ބައްލަވާ ބޭފުޅެކެވެ. އެމަނިކުފާނާ ފެޔަށް ޖެހިވަޑައިންފިނަމަ އެއީ ރަތުރަން ކަމުގައިވިޔަސް އެ ދަބަރަށް ހަައްދަވާނެއެވެ.
ޔާމީންގެ ތަޢުރީފް ޖަލީލަށް
ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވަނީ މޫސާ ޖަލީލަށް ތަޢުރީފްކުރައްވާ ވާހަކަ ދައްކަވާފައެވެ. ޖަލީލްގެ ޤައުމީ ޚިދުމަތް އެންމެގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން ޚުދު ޔާމީނުވެސް އެ ޚިދުމަތް ބަލައިގަންނަކަން ވާހަކައިން ދޭހަވެއެވެ. ޖަލީލަށް ތަޢުރީފުކުރައްވާ ވާހަކަތަކެއް ދެއްކެވުމަށްފަހު ޔާމީން ވަނީ މޫސާ ޖަލީލަކީ ކަންބަޅިއެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މޭޔަރު ކަމަށް އާދަމް އާޒިމް އިންތިޚާބު ކުރަން ކަމަށްބުނެ ޔާމީނު ވަނީ ފިތުނަ އުފައްދަން މަސައްކަތްކުރައްވާފައެވެ.
މޫސާ ޖަލީލަކީ މިހާރު މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމް މަޤާމަށް ހޮވަން ކަތިލާ ”ކަންބަޅި“އެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ޖަލީލަށް ވަރަށް ތައުރީފް ކުރެއްވުމަށްފަހު ޔާމީން ވަނީ އެ ހުރިހާ ކަމެއް އެނގިހުރެ, މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް ޕީއެންސީން އެރުވި ފުރުސަތު ޤަބޫލުކުރުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
”ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުޢިއްޒު ބޭނުންވަނީ އާދަމް ޢާޒިމް ހޮވެން، އެހެންވީމާ ހަމަ އެ ސަބަބަށް ޓަކައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ ހުރިހާ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާއެކީ ކަލޭމެން ފޮޓޯނަގައިފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ“ ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ ތުހުމަތުތައް ޕީއެންސީން ދޮގުކުރުން
ޔާމީންގެ މި ތުހުމަތު ތަކާގުޅިގެން ”އެކި އެމްވީ“ ގެ ފަރާތުން ޕީއެންސީގެ އެސްޖީ މުއާޒު އާއި ސުވާލު ކުރުމުން ވިދާޅުވީ ޔާމީން އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ޔާމީން ދެއްކެވި ތާކުންތާކު ނުޖެހޭ ވާހަކަފުޅެއް ކަމަށްވެސް މުއާޒް ވިދާޅުވިއެވެ. މުއާޒް އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު އެމްޑީޕީ ކެންޑިޑޭޓަކަށް ތާއީދުކުރައްވާނެ ނަމަ، މި އިންތިޚާބަށް މިވަރުގެ ހޭދައެއް ނުކުރައްވާނެ ކަމަށެވެ.
”އެއީ ކަނޑައެޅިގެން ދޮގެއް، ޔާމީނުގެ ސިޔާސީ ބޭނުމަށް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެއް، ރައީސް މުޢިއްޒު އެމްޑީޕީގެ ތިލަފަތް ޖަހާފަ ހުރި މީހަކު ހޮވަން ބޭނުންވާނަމަ މިވަރުގެ ކެމްޕެއިނެއް ނުކުރައްވާނެ، މިހާ ބޮޑު ހޭދައެއް ނުކުރައްވާނެ، ވާގަޮތަކީ ރާއްޖޭގެ ސިޔާސީ ޕާޓީގެ ދަފްތަރުގަ ޕީއެންއެފް ކިޔާ ޕާޓީއެއްވެސް ރާޑަރަށް ނާރާތީ އެކަހަލަ ވާހަކަ ދެެއްކެނީ“ މުއާޒް ވިދާޅުވިއެވެ.
މުއާޒް އިތުރަށް ވިދާޅުވީ ޔާމީނުގެ ޕީއެންއެފަށް ތާއީދުނެތުމުން ފިތުނަ އުފައްދަން އެފަދަ ވާހަކަ ދައްކަނީ މިފަދަ ޖޯޝުހުރި ކެމްޕޭން ޙަރަކާތްތައް ހަނދާންވާތީކަމަށެވެ.
ޔާމީން ހެއްދެވީ ދޮގެއްކަން ސާބިތުވާ އަނެއް ސަބަބަކީ މިހާރުވެސް ޕީއެންސީގެ މެންބަރުން ދަނީ ޖަލީލުއާއެކު ޕޯސްޓަރު ހަދާ ކެމްޕޭނު ހަރަކާތްތަކުގަ ފުރިހަމައަށް ބައިވެރިވަމުން ދާދިއުމެވެ. މޫސާ އަލީ ޖަލީލަށް ޕީއެންސީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއަކާ ނުލައެވެ. ސަބަބަކީ އޭރު ޕީއެންސީން އެ މަޤާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައިނުވުމެވެ.
މޫސާ ޖަލީލު މޭޔަރަކަށް ހޮވިދާނެތީ ޔާމީން ބިރުގަނޭ
ދެން އޮތީ ޔާމީނު އެންމެ ކަންބޮޑުވާ ކަންތަކުގެ ވާހަކައެވެ. މާލޭގެ މޭޔަރަކަށް މޫސާ ޖަލީލު ހޮވިދާނެތީ އެމަނިކުފާނު އެގަންނާކުރައްވާ ބިރެއްގެ ވާހަކައެވެ. މޫސާ ޖަލީލު މޭޔަރުކަމަށް ހޮވިދާނެތީ އެކަމާ ކަންބޮޑުވެ، ބިރު ގަންނަވާހަކަ ޔާމީނު ވިދާޅުވީ އަމިއްލަފުޅަށެވެ. މީހަކު ދެއްކި ވާހަކައެއްނޫނެވެ. ވަކި އަމާޒެއްނެތި ހ. ދޫވެހި ސިޓިންރޫމުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޕީއެންއެފް ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޔާމީނު ވަނީ ޖަލީލަކީ ޔާމީނަށް ޗެލެންޖެއްގޮތުގަ ސިފަކުރައްވާފައެވެ.
” އަޅުގަނޑަށް ހީވާގޮތުން، އަޅުގަނޑަށް ވަރަށް ޝައްކުވާތީ ވަރަށް، މި.. ބިރު ގަންނާތީ މިދަންނަވާލީ އިނގޭތޯ.. ހަމަ މޫސާ ޖަލީލު ހޮވިދާނެހެން ހީވޭ އިނގޭތޯ“ ޔާމީން ވިދާޅުވިއެވެ.
ހިތުން އެ މޭރުމުން ވާހަކަ ދެއްކެވީ ހަޖޫޖެއްސެވުމަށެވެ. އެހެންނަމަވެސް އާޚިރުގަ ހަމަ އެއީ ޙަޤީޤީ ވާހަކައެއްކަން ޔަޤީންވެއެވެ. އެއީ ޔާމީނު ޖަލީލަށް ކުރެއްވި ތަޢުރީފާއި، ޕީއެންސީ ޓިކެޓުގައި ޖަލީލު ވާދަކުރައްވާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވި ވިދާޅުވުމުންނެވެ. ކޮންމެއަކަށް ޖަލީލުގެ ޤާބިލުކަމާމެދު ޔާމީނު އުފައްދަވާނެ ސުވާލެއް ހަމަ ޔަޤީނުންވެސް ނެތެވެ. ދައްކަވަނީ ދެއުޅިއެއްނުވާ ވާހަކަތަކެކެވެ. ޖަލީލުގެ އުމުރު ދޮށީ ވާހަކައެވެ. ޒުވާނަކަށްނުވި ވާހަކައެވެ. އެންމެ ފުރަތަމަ ކަމަކަށް ޕީއެންއެފުން ކެންޑިޑޭޓަކު ވާދަކުރައްވާތޯއެވެ؟ އަމިއްލަ ޕާޓީން ކެންޑިޑޭޓެއް ނުނެރެވުނުތަނުގަ ތާއީދުކުރެއްވި ކެންޑިޑޭޓަށްވެސް ސަޕޯޓެއް ނުދެއްވުމުން އާންމުންގެ އެހީއަށްއެދި ސަލާން ޖަހަނީއެވެ. ދެންއޮތީ އުމުރުގެ ވާހަކައެވެ. ޔާމީނު ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ނޫކަށިފުރާގެ ޒުވާނަކީހެއްޔެވެ؟ ނުވަތަ 2028 ގެ ވެރިކަމަށް ފައިނަންގަވައިގެން ޔާމީން އެހުންނެވީ ޅަނދޮޅު ޒުވާނަކަށްވީތީބާއެވެ؟ ނުވަތަ ރިޔާސީ އިންތިޚާބަށް ޒުވާނަކަށް ބަދަލުވާނެކަމަށްހެއްޔެވެ؟ އެހެންމީހުންނަށް ފާޑުވިދާޅުވުމުގެ ކުރިން ތިމާމެންގެ ކެންޑިޑޭޓޫގެ ޤާބިލުކަން ބުނެދެއްވަން އުޅުން މާރަނގަޅުނޫންތޯއެވެ. ބިނާކުރަނިވި ފާޑެއްކިޔަން ނެތީވިއްޔާ އެއްޗެއްވިދާޅުނުވެ ތިއްބެވުން ކިހިނެއްތޯއެވެ.




