ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ”ދޮރުންދޮރަށް“ ޙަރަކާތް މާލެ ސަރަޙައްދުގައި ފަށައިފިއެވެ.
މި ހަރަކާތަކީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ކައުންސިލުގެ މެމްބަރު ކަމަށް އެ ޕާޓީން ވާދަކުރައްވާ މެމްބަރުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެކެވެ.
މިހާތަނަށް މި އިންތިޚާބަށް ރަސްމީކޮށް، ކެމްޕޭން ފަށައިގަނެ، ކެމްޕޭން ކުރަމުންގެންދަނީ ޕީއެންސީން އެކަނި އެވެ.
މިޙަރަކާތް ފެށުމަށް އެޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މާލޭގައި ފަށާ އެ ހަރަކާތާއެކު ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެ ޕާޓީން ވާދަކުރާ މީހުން ވެސް އެ ހަރަކާތް ފެށުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ފަލާހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް އެދިވަޑައިގަންނަވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށެވެ.
އެ ހަރަކާތުގެ ބޭނުމަކީ ރައްޔިތުންނާ ބައްދަލުކޮށް އެމީހުންގެ ހާލު ބަލައި، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ސަރުކާރާ ހަމައަށް ގެނެސްދިނުން ކަމަށެވެ.
ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިިޓީގެ އިންތިޚާބު އޮތީ އަންނަ އޭޕްރީލް 4 ގަ އެވެ. އެ އިންތިޚާބުގައި ކައުންސިލަށް 681 މީހުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މީހުން ހޮވާނެ އެވެ.












