ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ގ.އާބިން، ޑޮކްޓަރ ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޑޮކްޓަރ ޢާއިޝަތު ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.
ޑރ. ރަމީލާއަކީ ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ބޭފުޅެކެވެ. ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު އަދާކުރައްވައިފަ އެވެ. އަދި 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން ޑރ. ރަމީލާ ވަނީ މެލޭޝިއާ އިން ޕީއެޗްޑީވެސް ހާސިލުކުރައްވައިފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރު މިނިސްޓަރުކަން ކުރެއްވި ރަމީލާ ޑިސެމްބަރު 2024 ގައި އެ މަގާމުން އިސްތިއުފާދެއްވީ، ކެންސަރުބަލީގެ ޝިކާރައަކަށްވެ ފަރުވާ ހޯއްދެއްވުމަށެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް ރަމީލާ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު ތިނެއްގަ އެވެ. އެއަށްފަހު ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރައްވާފައި މިވަނީ 2026 ވަނައަހަރުގެ ޖަނަވަރީމަހުގެ 7 ވަނަ ދުވަހުއެވެ.










