މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަލީ ސީޒަންގެ ފިލްމު ”ޕަރީ“ ގެ މަންޒަރެއްގައި ކީރިތި ޤުރުއާނުގެ އާޔަތެއް ގެނެސްދިނުމުގައި އަކުރެއް އިތުރުވެފައިވާތީ، އެކަމަށް މާފަށް އެދި ޕްލެޓްފޯމުން ފިލްމު ނަގައިފި އެވެ.
މި މައްސަލަ ފެންމަތިވެގެން ދިޔައީ ދީނީ އިލްމުވެރިއަކު އެ މަންޒަރުގައި ހުރި ކުށް ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި އާންމުކުރެއްވުމާ ގުޅިގެންނެވެ.
ސީޒަން ހާމަކުރި ގޮތުގައި އެ މަންޒަރުގައި އެކްޓަރަކު އެ އާޔަތް ކިޔަވަމުން ދިޔައިރު އަކުރެއް އިތުރުވެފައިވާކަން މީގެ ކުރިން ފާހަގަކުރެވިފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން މިއަދު ކްލެސިފިކޭޝަން ބިއުރޯއިން ވެސް ގުޅައި އެކަން ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ސީޒަން ބުންޏެވެ.
މިހާރު މީޑިއާނެޓްގެ ޕްލެޓްފޯމެއްގައި ދައްކަމުންދާ މި ފިލްމު ވަގުތީގޮތުން ޑައުންކޮށްދިނުމަށް އެދިފައިވާ ކަމަށާއި، ފިލްމު އަލުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ އެ މަންޒަރުގައި ހުރި ކުށް ރަނގަޅުކޮށް އިސްލާހު ކުރުމަށްފަހުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.











