ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ބާއްވާ އެއްބައިވަންތަކަމަކީ ހަމައެކަނި ދައްކާލާ ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށާއި، އެއީ އަމަލީ ސިފައެއް ޖެހިފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަކީ އަމާންކަމާއި އިންސާފާއެކު އެބައިމީހުންގެ އަމިއްލަ ވަޒަނުގައި ފުރިހަމަ މިނިވަންކަމާއެކު ޝަރަފުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބިގެންވާ ބައެއްކަން މުޅި ދުނިޔެ ހަނދާންކުރަންޖެހޭ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާވެރިކަމާއި އިސްތިއުމާރީ އުދުވާނުތައް ވަގުތުން ހުއްޓުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
On the International Day of Solidarity with the Palestinian People, we stand firmly with Palestinians in their struggle for peace, freedom and dignity. Their continued immense suffering demands urgent action to end the violence, ensure unhindered access to humanitarian… pic.twitter.com/MMF4xLqBEp
— Dr Mohamed Muizzu (@MMuizzu) November 29, 2026
އެ ގައުމަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތައް ނަގަހައްޓައި ދެމެހެއްޓުމަށްވެސް އެމަނިކުފާނު ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސްކުރެއްވިއެވެ.
ބައިނަލްއަގްވާމީ އެކި މައިދާންތަކުގައާއި އދ. ގެ މަޖިލީހުގައި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން ގެންދާނެކަން ކަށަވަރުކޮށްދެއްވަމުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްހުލުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އދ. ގެ ރިލީފް އެންޑް ވާރކްސް އެޖެންސީ (އުންރުވާ) އަށް ރާއްޖެއިން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ފަލަސްތީނުގެ އަހުންނާއި އުހުތުން ސުލްހައާއި މިނިވަންކަމުގެ އިތުރުން އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ކުރަމުންދާ ޖިހާދުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން ރައީސް ތަކުރާރުކުރެއްވިއެވެ.
އދ. ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަނެ، އެ ޖަމާއަތުގެ އެންމެހައި ގުނަންތަކުގައި ހަމަހަމަކަމާއެކު ޝާމިލުވުމުގެ ހައްގު އެ ގައުމަށް ލިބެންޖެހޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން، މުސްތަގިއްލު އަދި ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމުގައި ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ އަލުން ތަކުރާރުކުރައްވާފައެވެ.














