2030 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެދާނެ އާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދެއްކެވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޤަޠަރަށް ފުރާވަޑައިގެންފިއެވެ.
ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ”ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތު“ ގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވަނީ ޤަޠަރު ފައުންޑޭޝަނުގެ ޗެއާޕާސަން ޝައިޚާ މޯޒާ ބިން ނާޞިރުގެ ޚާއްޞަ ދައުވަތުފުޅަކަށެވެ.
މި ސަމިޓުގެ ތެރެއިން ބާއްވާ މަތީ ފަންތީގެ ރައުންޑް ޓޭބަލް މަޝްވަރާގައި ފަސްޓް ލޭޑީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމުގެ މައިގަނޑު މައުޟޫޢަކީ 2030 ގެ ފަހުން އާލަމީ ސިއްހަތަށް ތިލަވަމުންދާ ގޮންޖެހުންތަކާއި، އެކުގައި މަސައްކަތްކުރުމުގެ އިތުރުން މެދުފަންތީގެ ބާރުތަކުގެ ދައުރެވެ.
ސަމިޓުގެ ހަވާސާގައި އެކި ގައުމުތަކުން ވަޑައިގެން ތިއްބަވާ މަންދޫބުންނާ ފަސްޓް ލޭޑީ ބައްދަލުކުރައްވައި، ސިއްހީ ދާއިރާއާ ގުޅުންހުރި އެކި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
ޤަޠަރު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި ބައިނަލްއަޤްވާމީ ސަމިޓަކީ ސިއްހީ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި، އީޖާދީ އުފެއްދުންތެރިންނާއި، އިލްމީ ބޭފުޅުންނާއި ދުނިޔޭގެ ލީޑަރުން އެއްތަނަކަށް ޖަމާވެ، ސިއްހީ ފަރުވާގެ ނިޒާމަށް ހުރި ގޮންޖެހުންތަކަށް އަމަލީ ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރާ މުހިންމު މަންސައެކެވެ.














