މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ފައްޔާޒު އިސްމާޢީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ސާބަސް ދެއްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އިންތިޚާބުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ސެކްރެޓޭރިއަޓަށާއި މުޅި އެމްޑީޕީއަށް ވެސް ފައްޔާޒު ވަނީ މަރުޙަބާ ދަންނަވާފައެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ހޫނު މަރުހަބާއެއް ދަންނަވަން. އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓުން ކުރެއްވި މަސައްކަތަށް ސާބަސް ދަންނަވަން. މަރުހަބާ ސެކްރެޓޭރިއަޓް އަދި މުޅި އެމްޑީޕީ.
މި އިންތިހާބުގައި ބޮޑު…
— Fayyaz Ismail (@faya_i) November 28, 2026
ފައްޔާޒު ވިދާޅުވި ގޮތުގައި، މި އިންތިޚާބުގައި ”ބޮޑު ބަދަލު“ގެ ކެންޑިޑޭޓުންނަށް ޤައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ކަށަވަރުކޮށްދެއްވީތީ ޕާޓީގެ ޢާންމު މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ނަތީޖާއިން ހާމަވެގެން ދިޔައީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިންތިޚާބަށްފަހު ދެން އޮތީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފެށުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ، މި ޤައުމަށް އަނެއްކާވެސް ހެޔޮ ބޮޑު ބަދަލެއް ގެނެސްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.










