ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުން ހިތާމައާއެކު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުޙޫމް އާދަމް އިބްރާހީމް މަނިކަކީ 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ދިފާޢުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި، ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ޤައުމީ ބަޠަލެއް ކަމަށެވެ.
އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ޙަމަލާ ދެމުން ދަނިކޮށް، ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި، ދުޝްމަނުންގެ ޙަރަކާތްތައް ބެއްލެވުމުގެ ޢަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅަކީ މަރުޙޫމް ބިލާލް އާދަމް މަނިކުކަން ރައީސް ފާހަގަކުރެއްވިއެވެ.
ސިފައިންގެ ދިގު ޚިދުމަތުގައި މަރުޙޫމް ކުރެއްވި އަގުހުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އޭނާއަކީ ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ސިފައިންގެ އިސް އޮފިސަރެއް ކަމަށެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު.
މަރުޙޫމް… pic.twitter.com/fMcNm6nunV
— Dr Mohamed Muizzu (@MMuizzu) November 28, 2026
މީގެއިތުރުން، ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއްގެ ގޮތުގައްޔާއި، ސިފައިން ހިންގާފައިވާ ތަފާތު ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އިޚްލާޞްތެރިއެއްގެ ގޮތުގައި ރައީސް ވަނީ މަރުޙޫމްގެ ޚިދުމަތްތައް ސިފަކުރައްވާފައެވެ.
ހިތާމައިގެ މި ވަގުތުގައި، މަރުޙޫމް ކާނަލް (ރިޓަޔަރޑް) ބިލާލް އާދަމް މަނިކުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ހެޔޮ ދުޢާ ކުރައްވާފައެވެ.














