މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ދަރިވަރުންގެ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“، ”ވަރަ އެކްސްޕޯ 2026“ ގެ ތެރެއިން ދައްކާލަން އެޗްޑީސީން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ މި ހަރަކާތަކީ، އަތޮޅުތަކުން މާލެ ސަރަޙައްދަށް ކިޔަވަން އަންނަ ދަރިވަރުންގެ ސަބަބުން ޢާއިލާތަކުން އުފުލަންޖެހޭ މާލީ ބުރައާއި ތަކުލީފުތަކަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. ”ވަރަ އެކްސްޕޯ“ ގެ ތެރެއިން މި ތަނާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމުގެ އިތުރުން، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެ ތަން ޢަމަލީ ގޮތުން ބަލައިލާފައެވެ.
”އެކުވެހި“ ރެސިޑެންސްގައި ޖުމްލަ 178 ޓްވިން-ޝެއަރިންގ ކޮޓަރި ހިމެނޭއިރު، މިއީ އެއްފަހަރާ 356 ދަރިވަރުންނަށް ދިރިއުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ޢިމާރާތެކެވެ. މި ތަނުން ޖާގަ ލިބޭ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު ނެގުމަށް ހަމަޖެހިފައިވަނީ 3،500 ރުފިޔާއެވެ. އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ކޮންމެ ކޮޓަރިއެއްގައި ވަކި ދެ އެނދާއި، އަލަމާރި، ކިޔަވާ މޭޒާއި ގޮނޑި އަދި ފާޚާނާ ވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން، ދަރިވަރުންނަށް ޢާންމުކޮށް ބޭނުންކުރެވޭނެ ޕެންޓްރީއާއި ލޯންޑްރީގެ ޚިދުމަތް ވެސް މި ޢިމާރާތުގައި ހިމެނެއެވެ.
ދަރިވަރުންނަށް އެންމެ އެކަށޭނަ ތަޢުލީމީ އަދި އިޖުތިމާޢީ މާޙައުލެއް ފަހިކޮށްދިނުމުގެ ގޮތުން ގްރޫޕް ސްޓަޑީ ހެދޭނެ މީޓިންގ ރޫމްތަކާއި، ކޯ-ވޯކިންގ ސްޕޭސް، ޢާންމު ލައުންޖު އަދި ޓެރަސްގައި އައުޓްޑޯ ޖިމެއް ވެސް ވަނީ ތަރައްޤީކޮށްފައެވެ. އަދި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފަސޭހަކޮށްދިނުމަށް ޢިމާރާތުގެ ތިރީ ފަންގިފިލާތަކުގައި ބޭންކިންގ އަދި އޭޓީއެމްގެ ޚިދުމަތް، ކެފޭ، ފިހާރަ، އަދި ޕްރިންޓިންގ ސެންޓަރުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ 18 މިނީ-އޮފީސް ޔުނިޓް ހިމެނެއެވެ. ހަމައެއާއެކު، ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި 24 ގަޑިއިރުގެ ސެކިއުރިޓީއާއި، ހުއްދަ އޮންނަ ފްލޯތަކަށް އެކަނި ދެވޭގޮތަށް ލިފްޓްތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަނީ ހަރުކޮށްފައެވެ.
މި ތަނުން ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ މަތީ ތަޢުލީމުގެ ޕްރޮގްރާމެއްގައި ކިޔަވަމުންދާ، ކިޔެވުން ނިމެން މަދުވެގެން އެއް އަހަރު ދުވަސް އޮތް، ޢުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ. އެގޮތުން، ”އެކުވެހި“ އިން ޖާގަ ހޯދުމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި ދަރިވަރުންނާއެކު ވެވޭ އެއްބަސްވުންތައް އައުކުރެވޭނީ ކޮންމެ ސެމިސްޓަރއެއްގައި ވެސް އެ ދަރިވަރަކު ކިޔެވުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާކަން ކަށަވަރުކުރުމަށް ފަހުގައެވެ.











