ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން (ސެން ޓީޗަރުން) ނަށް ލިބެންޖެހޭ ރިސްކް އެލަވަންސް ނުލިބި ދިގުލައިގެން ގޮސްފައިވާ މައްސަލަ އިރާދަކުރެއްވިއްޔާ ބައްލަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގައި ސެން ޓީޗަރަކު ހުށަހެޅި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޓީޗަރު ހިއްސާކުރި ކަންބޮޑުވުންތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް ވަނީ، އެ ކަންތައްތައް އޮތް ގޮތް ބައްލަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަމުން އެ ޓީޗަރު ބުނީ، ތަޢުލީމީ ދާއިރާގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އެއްވެސް އެންގުމަކާ ނުލައި ސެން ޓީޗަރުންގެ ރިސްކް އެލަވަންސް ކަނޑާލާފައިވާކަން އެނގުނީ މުސާރަ ޖަމާވާން ފެށުމުން ކަމަށެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލުކުރުމުން، އައު އޮނިގަނޑުގެ ދަށުން ދަރިވަރުން ތިބޭނީ މެއިންސްޓްރީމް ކްލާސްތަކުގައި ކަމަށާއި، ސެން ކްލާހަށް ކުއްޖަކު ގެންނަން ޖެހޭ ޙާލަތެއްގައި އެލަވަންސް ދިނުމަށް ވަކި ޕޮލިސީއެއް އެކުލަވާލަމުންދާ ކަމަށް މިނިސްޓްރީން ބުނި ކަމަށް އެ ޓީޗަރު ފާހަގަކުރިއެވެ. ނަމަވެސް އޮނިގަނޑު ބަދަލުވިތާ އެތައް ދުވަހެއް ވީއިރުވެސް އެ ޕޮލިސީގެ އެއްވެސް ޚަބަރެއް ނުވާ ކަމަށާއި، މިހާރުވެސް ހުރިހާ ދަރިވަރުން ކިޔަވަމުންދަނީ ސެން ކްލާސްތަކުގައި ކަމަށް އޭނާ ބުންޏެވެ.
”އަޅުގަނޑުމެން ހަމަ ޓީޗަރުން އުޅެނީ ވަރަށް ރިސްކު ބޮޑު ޙާލަތެއްގައި މަސައްކަތް ކުރަން. ކޮންމެ ދުވަހަކީވެސް ނަފްސާނީ ގޮތުންވެސް، ޖިސްމާނީ ގޮތުންވެސް، އަދި މާލީ ގޮތުންވެސް އަޅުގަނޑުމެންގެ އަގުހުރި އެއްޗިއްސަށް ގެއްލުން ލިބޭ ދުވަހެއް،“ 15 އަހަރު ވަންދެން ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ އެ ޓީޗަރު ކިޔައިދިނެވެ.
މީގެ ކުރިންވެސް ރޭޑިއޯ ޕްރޮގްރާމެއްގައި ސެން ޓީޗަރަކު މި މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައުމުން، އެކަމަށް ވަރަށް އަވަސް ޙައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިހާތަނަށް އޭގެ އެއްވެސް އަޕްޑޭޓެއް ލިބިފައި ނުވާތީ ހުރިހާ ސެން ޓީޗަރުންގެ ފަރާތުން މި ކަންބޮޑުވުން ރައީސާ ހިއްސާކުރީ ކަމަށް އޭނާ ބުންޏެވެ.














