ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް މީހެއްގެ ނުފޫޒެއްނެތި، ވީހާވެސް ގިނަ ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގެ ތެރެއިން އާންމު ފަރާތަކުން ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅޭގޮތުން ހިއްސާކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކި އަންހެނަކު ވަނީ އޭނާގެ ފިރިމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ފާހަގަކޮށް، އެ އާއިލާއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތި ހާލަތުގެ ވާހަކަ ރައީސާ ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ފަދަ ޒަރޫރީ ކަންކަން ސިޔާސީ ކަންކަމާ ނުގުޅުވާނެ ކަމަށެވެ. އަދި ވަކި ސިޔާސީ ވިސްނުމަކަށް ނުވަތަ ފިކުރަކަށް ބެލުމެއްނެތި، އެންމެނަށްވެސް ހަމަހަމަކަމާއެކު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން މުޖުތަމަޢުގައި އެންމެ ނިކަމެތި ހާލުގައި އުޅޭ ފަރާތްތަކަށް އިސްކަންދީގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުޞޫލުތައް ކަނޑައެޅި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
”ޕާޓީއަށް ވަނުން، ނުވަނުން އެފަދަ އެހެންކަމެއްވެސް، އެގޮތަށް ނުވިސްނަވާތި. މިހާރުވެސް ކަނޑައެޅިފައިވާ އުޞޫލުތައް ހުންނާނެ. އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަަށް، އެންމެ ރަނގަޅު ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދޭނެ ގޮތްތައް ކަނޑައެޅިފައި އެބަހުރި،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި އިތުރު ފަރާތްތަކުންވެސް ވަނީ އެމީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކުގެ ޝަކުވާ ހުށަހަޅާފައެވެ. އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރަކު ވަނީ އެފަދަ މުދައްރިސުންނަށް ލިބެންޖެހޭ ރިސްކު އެލަވަންސް ނުލިބޭ މައްސަލައިގެ ކަންބޮޑުވުންވެސް ރައީސާ ހިއްސާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގެ ތެރެއިން އާންމު ރައްޔިތުން ހުށަހެޅި މި ހުރިހާ ކަންކަންވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ބައްލަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.














