މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ބަޔަކު ވަގަށް ނަގައިގެން ލޯންޗެއްގައި ފިލައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދިގުރަށު ވޯޓު މަރުކަޒުގައި ހުރި ފޮށި ވަގަށް ނަގާފައިވަނީ އެ އަތޮޅު މަހިބަދޫން އެ ރަށަށް ދިޔަ ބައެކެވެ. އަދި ވޯޓު ފޮށި ނެގުމަށްފަހު އެ މީހުން ލޯންޗަކަށް އަރައިގެން ފިލާފައިވާކަމަށް އެ ރަށުން ޚަބަރު ލިބެއެވެ.
އެ ރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވަގަށް ނަގާފައިވާކަން ދިގުރަށު ކައުންސިލްގެ ރައީސްގެ އިތުރުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވޯޓު ފޮށި ބަހައްޓާފައި ހުރި މަރުކަޒުގެ ތެރެއަށް ބަޔަކު ވަދެ، ފޮށި ހިފައިގެން ދުވެފައި ނުކުންނަ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ނަމަވެސް، މިކަން ކުރީ ކޮން ބައެއްކަން ރަސްމީކޮށް އަދި ސާފުވެފައެއް ނުވެއެވެ.
ADh. Dhigurashugai huri MDP gaumee majlis inthihaabu ge vote foshi vagah nagaigen launch ehga rashun beyrah gengossi!
Ithuru mauloomaathu: https://t.co/9t97s57Bpn pic.twitter.com/D7nOB4k8j8
— #MvCrisis (@MvCrisis) November 27, 2026
އެމްޑީޕީގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މިރޭ 9:00 އާ ހަމައަށެވެ. ޖުމްލަ 53،457 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި 1،102 މަޤާމަކަށް 1،612 ކެންޑިޑޭޓުން ވާދަކުރިއެވެ.
މި އިންތިޚާބުގައި އަތޮޅުތަކާއި ސިޓީތަކުން ޤައުމީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން، ދާއިރާތަކުގެ ނައިބު ރައީސުންނާއި، ސެކްރެޓަރީންނާއި، އަންހެން އަދި ޒުވާނުންގެ ސެކްރެޓަރީން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ރައީސުންނާއި، އެ ދެ ގޮފިން ޤައުމީ މަޖިލީހަށް ހޮވާ މެންބަރުން ވެސް މި އިންތިޚާބުން ކަނޑައެޅިގެންދާނެއެވެ.
އަންނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ކުރިމަތިލާއިރު، ރިޔާސީ ޓިކެޓަށް ޝައުޤުވެރިވާ ކެންޑިޑޭޓުންނަށް މިއަދުގެ ޤައުމީ މަޖިލިސް އިންތިޚާބަކީ ނުހަނު މުހިންމު އަދި ފޯރިގަދަ އިންތިޚާބެކެވެ.













