ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެންގެ ބަންދަށް 10 ދުވަސް ކޯޓުން މިއަދު ޖަހައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި މި މީހުންގެ ވަނަވަރުން އެނގޭ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަ މީހުންނަކީ ވެސް ލ. އަތޮޅަށް ނިސްބަތްވާ ޒުވާނުންނެވެ.
އެ މީހުންގެ ތެރޭގައި ހިމެނެނީ ލ. ގަން، ތުނޑި، އީޓްޖެހިގެ، ޙަސަން ޢާހިލް (20އ) އާއި، ހަމަ އެ ރަށު ތުނޑި، ޒިޔުރިކު، ޝަނޫން (25އ) އެވެ.
މީގެ އިތުރުން ލ. މާމެންދޫ، ކުދިރަތްމާގެ، މުޙައްމަދު މައިސާން ޢަލީ ނަޞީރު (21އ) އާއި، އެ ރަށު ކެރޯލް، ޙުސައިން މުސްރިގް (30އ) އާއި، ރިހިވެލި، އިބްރާހީމް އަރުޒަލް (28އ) އަދި ހުދުފަސް، އަޙްމަދު އިނާޒް (35އ) ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.
މި މީހުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަޙްމަދު އިނާޒް (35އ) ކަމަށާއި، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީ އަދި ގޭންގް ކުށްތަކުގެ ބޮޑު ރެކޯޑެއް އޮންނަ، އެފަދަ ކުށްތަކުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ތުހުމަތު ކުރެވޭ ފަރާތެކެވެ.
މި މައްސަލައިގެ ފެށުން ގުޅިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ 22:50 އެހައިކަންހާއިރު، ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، އެތަނުގައި ހުރި މީހަކު ހުއްޓުވައި ފާސްކުރުމުން އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވެސް ވަނީ ފެނިފައެވެ.
އެ ސަރަހައްދު އިތުރަށް ޕްރޮސެސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ފުލުހުން ހޯދާފައިވާއިރު، ތޫނު ހަތިޔާރާއެކު އެ ސަރަހައްދުން އެކަކު ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހުން ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުންނެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.














