ކެނެޑާގެ ކިޔުބެކް ޕްރޮވިންސްގައި ސަރުކާރުގެ ވަޒީފާތަކުގައްޔާއި ސްކޫލުތަކުގައި ދީނީ ރަމްޒުތައް ބޭނުންކުރުން މަނާކުރާ ގާނޫނު ”ބިލް 21“ ގެ މައްސަލައިގައި އެ ގައުމުގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ހުކުމް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މުސްލިމް އަންހެނުންގެ ދިރިއުޅުމަށާއި ވަޒީފާގެ ފުރުސަތުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ގާނޫނެކެވެ.
2019 ވަނަ އަހަރު ކިޔުބެކް ސަރުކާރުން ފާސްކުރި މި ގާނޫނުގެ ދަށުން، ސަރުކާރު ސްކޫލުތަކުގެ ޓީޗަރުންނާއި، ފުލުހުން އަދި ދައުލަތުގެ ބައެއް މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ބުރުގާ އެޅުމާއި ދީނީ އެހެނިހެން ރަމްޒުތައް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި އޭގެ ފަހުން 2025 ވަނަ އަހަރު ”ބިލް 94“ ފާސްކޮށް، ސްކޫލުތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ވެސް ދީނީ ރަމްޒުތަކާއެކު ސްކޫލު ހަރަކާތްތަކުގައި ބައިވެރިވުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ސްކޫލުތަކުގައި ނަމާދުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މި ގާނޫނުގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް ކޮށްފައިވާއިރު، އޭގެ ތެރޭގައި ނާވިއެން ވަލީ ނަމަކަށް ކިޔާ މުސްލިމް އަންހެނަކު ހިމެނެއެވެ. ވޭތުވެދިޔަ 10 އަހަރު ވަންދެން އޭނާގެ ދަރިން ކިޔަވާ ސްކޫލުގެ ހަރަކާތްތަކުގައި ވޮލަންޓިއަރެއްގެ ގޮތުގައި އެހީތެރިވަމުން އައި ނަމަވެސް، ބުރުގާ އަޅާތީ ދެން ސްކޫލަށް އައުން މަނާކޮށް އޭނާއަށް ވަނީ އީމެއިލެއް ފޮނުވާފައެވެ. އުމުރުން 45 އަހަރުގެ ވަލީ ބުނި ގޮތުގައި މިއީ އޭނާގެ މޫނުމަތީގައި ޖެހި ތަފާލެއް ފަދަ ކަމެކެވެ. އަދި ސްޕެޝަލައިޒްޑް އެޑިއުކޭޓަރެއްގެ ގޮތުގައި ވަޒީފާއަށް ނުކުތުމަށް އޭނާ ދެކެމުން އައި ހުވަފެންތަކަށް ވެސް މި ގާނޫނުގެ ސަބަބުން ވަނީ ހުރަސްއެޅިފައެވެ.
ނޭޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް (އެންސީސީއެމް) އަދި ޔޯކް ޔުނިވަރސިޓީން ގުޅިގެން ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި، ސާވޭގައި ބައިވެރިވި މުސްލިމް އަންހެނުންގެ 73 އިންސައްތަ މީހުން ވަނީ ވަޒީފާ ހޯދުމުގައި މި ގާނޫނުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެފައެވެ. އަދި 88 އިންސައްތަ މީހުން ބުނެފައިވަނީ މި ގާނޫނުގެ ސަބަބުން ކިޔުބެކަކީ ދިރިއުޅެން އުނދަގޫ އަދި ބަލައިނުގަންނަ ތަނަކަށް ވެފައިވާ ކަމަށެވެ. އެންސީސީއެމްގެ ސީއީއޯ ސްޓީވަން ބްރައުން ވިދާޅުވި ގޮތުގައި، މީހުންގެ ވަޒީފާއާއި އެމީހުންގެ ދީނީ އަގީދާއާ ދެމެދު ގޮތެއް ނިންމަން މަޖުބޫރު ކުރުވުމަކީ އިންސާނިއްޔަތުކަމެއް ނެތް އަނިޔާވެރި އަމަލެކެވެ.
ކިޔުބެކްގެ ސަރުކާރުން މި ގާނޫނު ދިފާއުކުރަމުން ބުނަނީ މިއީ ދައުލަތަކީ ވަކި ދީނަކަށް ބުރަނުވާ ”ސެކިއުލާ“ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ މަންފާއަށްޓަކައި މުސްލިމުންނާ ދެކޮޅު ވިސްނުންތައް ބޭނުންކޮށްގެން ވޯޓު ހޯދުމަށް ކޮށްފައިވާ ކަމެކެވެ.
ކެނެޑާގެ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ދީނީ މިނިވަންކަމާއި ހަމަހަމަކަމުގެ ހައްގުތަކާ މި ގާނޫނު ފުށުއަރާ ކަމަށް ބުނެ އެންސީސީއެމް އާއި ސިވިލް ލިބަޓީސް އެސޯސިއޭޝަން ފަދަ ޖަމާއަތްތަކުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ކިޔުބެކް ސަރުކާރުން ގާނޫނުއަސާސީގެ ވަކި މާއްދާއެއް (ނޮޓްވިތްސްޓޭންޑިންގ ކްލޯޒް) ބޭނުންކޮށްގެން މި ގާނޫނު ދަމަހައްޓަން މަސައްކަތް ކުރަމުންދާއިރު، ސުޕްރީމް ކޯޓުން ހުކުރު ދުވަހު ނެރޭ ހުކުމަކީ މިފަދަ ހައްގުތައް ހަނިކުރުމުގައި ސަރުކާރުތަކަށް ދެވޭނެ އިމަކީ ކޮބައިކަން ސާފުވެގެންދާނެ ތާރީޚީ ހުކުމަކަށް ވެގެންދާނެއެވެ.












