އީރާނުގެ ވައިގެ ދިފާއީ ނިޒާމު އިތުރަށް ތަރައްގީކޮށް ވަރުގަދަކޮށްފައިވާ ކަމަށާއި، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮތީ އެ ގައުމުގެ އަތުގައި ކަމަށް އީރާނުގެ އަސްކަރިއްޔާގެ އިސްވެރިން ވިދާޅުވެއްޖެއެވެ.
އީރާނުގެ އާމީ ޗީފް އޮފް ސްޓާފް، ރިއާ އެޑްމިރަލް ހަބީބުﷲ ސައްޔާރީ ވިދާޅުވީ، އިޒްރޭލާއި އެމެރިކާއާއެކު ފަހަކަށް އައިސް ހިނގި ކުރިމަތިލުންތަކުން އީރާނަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ތަޖުރިބާތަކުގެ އަލީގައި އެ ގައުމުގެ ވައިގެ ދިފާއީ ވިއުގައަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ނިޒާމު ވަރަށް ބޮޑަށް އަޕްގްރޭޑްކޮށް ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީ ކޮމާންޑަރު އަލީ އޮޒްމާއީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުގެ އަތުގައި އޮތް ކަމަށް ބުނާ ބުނުމަކީ ހަމައެކަނި ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށް ދެކޭ ދެކުމަކީ ކުށްހީއެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އީރާނުން އެ ކަނޑުއޮޅި ހަމައެކަނި ކޮންޓްރޯލް ކުރަނީ ނޫން ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅީގެ މެދުގައި އޮތް ބާރުގެ ތިލަފަތާއި ހާލަތު ބަދަލުކޮށްލުމުގެ ފުރިހަމަ ގާބިލުކަންވެސް އެ ގައުމުން ގާއިމުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ސްޓްރެޓެޖިކް ގޮތުން ނުހަނު މުހިންމު މި ކަނޑުގެ މަގުން އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނީ އީރާނުގެ އިސްތިގުލާލީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމު ކުރުމުގެ މައްޗަށް ބިނާކޮށް ކަމަށްވެސް އޮޒްމާއީ ވަނީ ބާރުއަޅުއްވައި ވިދާޅުވެފައެވެ.














