ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހުރިހާ މަސައްކަތްތަކަކާއި ޒިންމާތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށް، އެ ކުންފުނީގެ ދަށަށް ގެނެސްފި އެވެ.
މި ބަދަލު ގެނެސްފައިވަނީ އާރްޑީސީ އެމްޓީސީސީގެ ދަށަށް ގެންދެވުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން ކަމަށް އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރިން އާރްޑީސީން ހިންގަމުން އައި ހުރިހާ މަޝްރޫއުތަކެއް ދެން ކުރިއަށް ގެންދާނީ އެމްޓީސީސީގެ ބެލުމުގެ ދަށުންނެވެ.
މީގެ އިތުރުން، އެ މަޝްރޫއުތަކާ ގުޅޭ އެންމެހައި ކަންކަމާއި ޒިންމާތައް ވެސް ދެން އުފުލާނީ އެމްޓީސީސީން ކަމަށް އެ ކުންފުނިން ވަނީ އާންމުކޮށް އަންގާފަ އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން އަވަސްކަމާއެކު އަދި ހަރަދު ކުޑަކޮށް ނިންމުމުގެ މަގުސަދުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ނިންމުމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މަގުހެދުމުގެ ބޮޑެތި މަޝްރޫއުތަކުގެ ކޮންޓްރޯލް އެއްކޮށް މިހާރު ވަނީ އެމްޓީސީސީގެ އަތްމައްޗަށް ބަދަލުވެފަ އެވެ.













