ފަރުވާއަށް ދަތުރުކުރާ ތެލެސީމިއާ ބަލިމީހުންނަށް އާރްޓީއެލް ފެރީ އާއި ބަހުގެ ޚިދުމަތް މުޅިން ހިލޭ ލިބޭ ގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޚިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ލިބެން ފަށާނެއެވެ.
މި ލުއިފަސޭހަކަން ލިބޭނީ ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި، އެ މީހުންގެ އެހީތެރިއަކަށް އެކަނިކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1650 ނުވަތަ 7369221 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، އިތުބާރުހުރި ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމަކީ އެމްޓީސީސީގެ އަބަދުގެވެސް އަމާޒުކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.











