މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ އެންމެ ފަހު ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަމާޒު ހިފައިފިއެވެ.
މިހާރު ކުރިއަށްދާ ސެގްމަންޓު 4 ގެ މަސައްކަތްތަކުގެ ތެރެއިން، ކުރިން އަޅާފައި އޮތް ބާ ތާރުގަނޑު ނެގުމަށްފަހު އަލުން އޭބީސީ ފަށަލަ އެޅުމުގެ މަރުހަލާ މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މި މަސް ނިމުމުގެ ކުރިން މުޅި ސަރަހައްދުގައި ތާރުއަޅައި ނިންމާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައް އެމްޓީސީސީން މިހާރު ދަނީ ބާރަށް ކުރަމުންނެވެ.
މި ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް މަގުގެ ބައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ ދެ ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސެގްމަންޓު 1 އަދި ރާއްޖޭގެ އަޑު ކުރިމަތީ ހަތަރު އަނގޮޅި ކަންމަތީ ސަރަހައްދު ހިމެނޭ ސެގްމަންޓު 2 އެވެ.
އެ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި، އާންމު ދަތުރުފަތުރަށް މާކުރިން ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ މަސައްކަތްތައް ވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތް ނިމި، އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ އެއްކޮށް ތަރައްގީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ބަދަލާއެކު އުޅަނދު ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.













