ގަލޮޅު ޕާކު ކުރިމަތީގައި ހުންނަ ނޮވެލްޓީ ފޮތް ފިހާރައިން ޖިންސީ އައިޑެންޓިޓީއާ ގުޅޭ ފޮތެއް ފެނުނު ކަމަށް ބުނެ، އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކާއި ޚިޔާލުތަފާތުވުންތައް އުފެދިއްޖެއެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ދައުރުވާން ފެށިތާ 5 ވަރަކަށް އަހަރުވެފައިވާއިރު، އަނެއްކާ މިކަން ފެންމަތިވެގެން އުޅެނީ 2026 ނޮވެންބަރު 25 ވަނަ ދުވަހުގެ ރޭ 8:34 ގައި އެކްސްގައި ޕޯސްޓުކުރި ފޮޓޯތަކަކާ ގުޅިގެންނެވެ. އެ ޕޯސްޓުތަކުގައި ފެންނަ ފޮތުގެ ބޭރުގަނޑުގައި ”I’M NOT A GIRL“ މިހެން ލިޔެފައިވާއިރު، އޭގެ ފަހަތު ގަނޑުގައި ޓްރާންސްޖެންޑަރ އައިޑެންޓިޓީއާ ގުޅޭ ވާހަކަތަކެއް ހިމެނޭ ކަން އެނގެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ޕޯސްޓަށް 23.6 ހާހަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އެތައް ބަޔަކު ވަނީ ކުޑަކުދިންގެ ވިސްނުމަށް އަސަރުކުރާ ފަދަ ޚިޔާލުތައް ހިމެނޭ ފޮތްތައް ރާއްޖެއަށް ގެނެސް ވިއްކާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިނުވާކަމަށެވެ.
Novelty. In front of Galolhu Park.
📸 Fazal pic.twitter.com/b8CcFkPI80
— Midhuam Saud(米渡)🇲🇻 (@Midhuamsaud) November 25, 2026
ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ އިސްލާމީ އުސޫލުތަކާއި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާ ފުށުއަރާ ކަންކަމެވެ.
އަނެއް ބަޔަކު ވަނީ ރާއްޖެއަށް ފޮތް އެތެރެކުރާއިރު ކަސްޓަމްސްއިން ފާސްކޮށް، އިސްލާމިކް މިނިސްޓްރީން ޗެކްކުރާ އުސޫލުގެ ތެރެއިން މިފަދަ ފޮތްތައް ވަންނަ ގޮތާ މެދު ސުވާލު އުފައްދައި، ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.











